ނިމިދިޔަ ސަރުކާރުން، ފެނަކައަށް ލިބޭ ފައިދާ އިތުރުކުރުމަށް މަސައްކަތް ނުކުރައްވާކަމަށާއި، އޭގެ ބަދަލުގައި މަސައްކަތް ކުރެއްވީ ދެކޮޅު ޖައްސައިގެން ހިދުމަތް ދިނުމަށް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by Asuru

މި އަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ގައްދޫ ދާއިރާއަށް ވާދަ ކުރައްވާ، ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި، ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ އަމާޒަކަށްވީ އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެއްވުންކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ މާ ބޮޑެތި ފައިދާތަކެއް ވާނެތަނަކަށް ފެނަކަ ހެދުމުގެ ވިސްނުން އޭރު ސަރުކާރުގެ ނެތްކަމަށާއި، ސިޔާސަތަކީ ދެކޮޅު ޖެހިގެން ހިންގުންކަމަށެވެ.

”އަޅުގަނޑުމެންނެއް ކޮންމެހެން ބޭނުމެއް ނުވި ފެނަކައަކީ މާ ބޮޑު ފައިދާތަކެއްވާ ތަނަކަށް ހަދާކަށެއް.“ ކުރީގެ ރައީސް ސޯލިހު ވިދާޅުވިއެވެ.

ގިނަ ވަޒީފާތަކެއް ދިން ނަމަވެސް، އެއީ ދެކޮޅު ޖެހޭ ގޮތަށް ހިދުމަތްތައް ދިނުމަށް އެޅި ފިޔަވަޅެއްކަމަށްވެސް ސޯލިހު ވިދާޅުވިއެވެ.