އެމަނިކުފާނާ ދިމާލަށް އެއްޗެއް ބުނެގެން، މީހަކާ މެދު ފިޔަވަޅު ނާޅުއްވާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް މިހެން ވިދާޅުވީ ޅ.ކުރެންދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްއަށް ފާޑު ކިޔައިގެން ކުންފުންޏެއްގެ މުވައްޒަފަކާމެދު ފިޔަވަޅު އެޅި ކަމަށް ނޫހަކުން ރިޕޯޓު ކުރުމުން، ރައީސް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަށް ގުޅުއްވައި އެއީ ތެދު ޚަބަރެއްތޯ ބެއްލެވިއެވެ. އަދި އެމަނިކުފާނާ ދިމާލަށް ހިތްހަމަ ނުޖެހިގެން ވިޔަސް، އެއްޗެއް ބުނެގެން، އެއްވެސް މީހަކާ މެދު ފިޔަވަޅު ނާޅުއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ރައީސް ވިދާޅުވީ، އެ ކުންފުނީގެ އެމްޑީ ވިދާޅުވި ގޮތުގައި، ދިމާވީ އެއަށްވުރެ މާ ސީރިއަސް މައްސަލަތަކެއް ކަމަށެވެ. އެހެންކަމުން ކަން ހިނގި ގޮތް ރައްޔިތުންނަށް ސާފު ކޮށްދޭން ދަންނަވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

 

 

”އަޅުގަނޑު ބޭނުންވަނީ ރައްޔިތުންގެ އަޑު އަހަން. ކްރިޓިސައިޒް ވެސް ކުރަންވާނެ، ހެޔޮ ނިޔަތުގައި ކަންކަން ރަނގަޅު ކުރަން ވިދާޅުވާ އެއްޗެއްނަމަ، ވަރަށް ބޮޑަށް މަރުހަބާ ވެސް ކިޔާނަން.“ އެމަނިކުފާނު ވިދާޅުވިއެވެ.

ކުންފުނީގެ ނަން ވިދާޅުނުވިޔަސް، ބެލެވޭ ގޮތުގައި ރައީސް އެ އިޝާރާތްކުރެއްވީ ސަރުކާރުގެ އިސް ފަރާތްތަކަށް ސޯޝަލް މީޑިއާގައި ފާޑުކިޔާ ކަމަށް ބުނެ އެސްޓީއޯގެ ރީޖަނަލް ފާމަސީ މެނޭޖަރެއްގެ މަގާމުގައި ހުރި މީހެއްގެ މަގާމު ސްޓޮކް އޮފިސަރެއްގެ މަގާމަށް ދަށްކުރި ކަމަށް ބުނެ މީޑީއާތަކުން ކޮށްފައިވާ ހަބަރަކަށް އިޝާރާތް ކުރައްވައެވެ.

ގދ. ގެ ފާމަސީތަކާ ހަވާލުވެ މަސައްކަތް ކުރަމުންދިޔަ އަހުމަދު ޝިޔާޒް ނައީމް މިޑިއާތަކަށް ބުނީ އެސްޓީއޯގެ އެޗްއާރުން އޭނާގެ މައްސަލަ ފުރަތަމަ ބަލަން ފެށީ ފެބްރުއަރީ، 29 ގައި ކަމަށެވެ. އަދި އެ ދުވަހު އޭނާގެ ސޯޝަލް މީޑިއާގައި ކޮށްފައިވާ ހުރި ޕޯސްޓުތަކަކާ ގުޅޭގޮތުން އޮންލައިންކޮށް ބަޔާނެއް ނެގި ކަމަށާއި އެ މައްސަލައާ ގުޅިގެން އޭނާގެ މަގާމު ދަށްކޮށްފައިވާ ކަމަށެވެ.

ރައީސް މުއިއްޒު ކުރެންދޫގައި އިތުރަށް ވިދާޅުވީ ގާނޫނާއި ގަވައިދާ އެއްގޮތަށް ކޮންމެ މީހަކަށް ވެސް ކޮންމެ އެއްޗެއް ވެސް ވިދާޅުވެވޭނެ ކަމަށެވެ. އަދި ހިތްހަމަ ނުޖެހޭ ކަމެއް ވެއްޖެނަމަ، އެ ވާހާކައެއް ވެސް ދެންނެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.