މި ސަރުކާރުން، ޅ.ހިންނަވަރުގެ ގެދޮރުވެރިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހަވީރު ހިންނަވަރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހިންނަވަރުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގެދޮރުވެރިކުރުވުމުގެ މަސައްކަތުގެ އިތުރުން، އުމްރާނީ ތަރައްޤީގެވެސް ގިނަ މަޝްރޫއުތައް ހިންނަވަރުގައި ހިންގަން ޖެހިފައިވާކަމުގައެވެ.

އެގޮތުން މަގު ހެދުމާއި، ބަނދަރުގެ މަސައްކަތްވެސް ބަދަލުތަކާއެކު ކުރިއަށްގެންދަވާނެ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު، ހިންނަވަރުގެ ހިއްކާފައިވާ ސަރަހައްދުގައި ފެނާ ކަރަންޓު އަދި ނަރުދަމާ ފަދަ އަސާސީ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް މި އަހަރުތެރޭގައި ކުރައްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.

ކޮންމެ ދިވެހި ރައްޔިތެއްވެސް އެމަނިކުފާނަށް މުހިންމު ކަމުގައި ފާހަގަކުރައްވައި ”ކޮންމެ ސިޔާސީ ވިސްނުމެއްގައި ބަޔަކު ތިއްބަސް، އަޅުގަނޑު ކުރިމަތީގައި ކޮންމެ ދިވެހި ރައްޔިތަކުވެސް ހަމަހަމަ ވާނެ.

އެމީހެއްގެ ސިޔާސީ ވިސްނުމަކީ އަޅުގަނޑަކަށް މުހިންމު އެއްޗެއް ނޫން“ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ހަމަ އެއާއެކު ކޮންމެ ދިވެހި ރައްޔިތަކުވެސް ކިތަންމެ އާބާދީ ކުޑަ ނުވަތަ ބޮޑު ރަށެއްގައި ހުއްޓަސް މިހާތަނަށް ހަޤީޤަތަކަށް ނުވެ ހުރި ހުރިހާ މަސައްކަތްތަކެއް ނިންމައިދީ އެކަންކަން ހަޤީޤަތަކަށް ހަދައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ހިންނަވަރަށްވެސް ލިބެންޖެހޭ ފުރިހަމަ ހައްޤު ހޯއްދަވައިދެއްވާނެކަމުގައިވެސް ރައީސް ވިދާޅުވިއެވެ.