މިހާރު އޮތް ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރަމުންދަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by Asuru

ޝިޔާމް މިހެން ވިދާޅުވީ ޅ.ނައިފަރުގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޝިޔާމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ފާރަވެރިވި ކަމުގައި ވިޔަސް، ގައުމާއި ރައްޔިތުންގެ ހެވާއި ލާބަޔާއި ގުޅިފައިވާ ކަންކަމުގައި ސަރުކާރަށް އެއްބާރުލުން ދިނުމަކީ ތަހުޒީބުވެފައިވާ މުޖްތަމައުތަކުން ފެންނާނެ ގޮތް ކަމަށެވެ. ނަމަވެސް މިހާރު އޮތް ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށް ވެސް ރުހުން ނުދެއްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

”ކެބިނެޓަށް ރުހުން ނުދީ މިދާ ދިޔުމަކީ ދިވެހި އެއްވެސް ރައްޔިތަކު ގަބޫލު ކުރާނެ ކަންކަމެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ، ރައީސުލްޖުމްހޫރިއްޔާއަށް އެއްބާރުލުންދޭ ރައްޔިތުންގެ މަޖިލީހެއް.“ ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމްގެ ވާހަކައިގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ނައިފަރުގެ ތަރައްގީ ޔަގީން ވާނެ ގޮތަށް ރަށުގެ ރައްޔިތުން ވޯޓު ދިނުމަށް ގޮވާލެއްވިއެވެ. ނައިފަރުގެ ތަރައްގީއަށް ރައީީީސް މުއިއްޒު ދިގު ލިސްޓެއް ގެންގުޅުއްވާ ކަމަށް ވިދާޅުވެ، އެކަންކަން ތަންފީޒު ކުރެވޭނީ، ސަރުކާރަށް އެއްބާރުލުން ދޭނެ މަޖިލީހެއް އޮވެގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.