މާލެ ސަރަަހައްދުގެ މަގުތަކުގައި ބޭނުން ނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައި ހުރި 200 އަށް ވުރެ ގިނަ އުޅަނދު ނައްތާލައިފިއެވެ.

Ads by Asuru

 

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ނައްތާލި އުޅަނދުތަކުގެ އަދަދު 281 އަށް އަރާނެ ކަމަށާއި އެ އުޅަނދުތަކަކީ މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ބޭނުން ނުކޮށް ބަހައްޓާފައި ހުންނަތާ އެތައް މަހެއްވީ އުޅަނދުތަކެއް ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ޓްރެފިކް ޑިކޮންޖެސްޝަން ޕްރޮގްރާމުގެ ދަށުން މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހާއި ހުކުރު އަދި ހޮނިހިރު ދުވަހު ކުރެވުނު މަސައްކަތުން އެ ތިން ދުވަހު އެކަނިވެސް 123 އުޅަނދު ނައްތާލެވުނު ކަމަށެވެ.

މާލެ ސަރަަހައްދުގެ މަގުތަކުގައި ބޭނުން ނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައި ހުރި އުޅަނދުތައް ނަގައި ނައްތާލުމުގެ މަސައްކަތް ޓްރާންސްޕޯޓް މިނިސްޓްރީން ފެށީ މިދިޔަ މަހުގެ 17 ގައެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ ބުރު މިހާރު ވަނީ ނިންމާލާފައެވެ.

ޓްރާންސްޕޯޓްސް މިނިސްޓްރީން މި ޕްރޮގްރާމުގެ ދެވަނަ ބުރުގައި އިސްކަންދޭނީ މާލެއާއި ހުޅުމާލޭގެ މަގުމަތީގައި ބަހައްޓާފައި ހުރި ރަޖިސްޓްރީ ނުކުރާ އުޅަނދުތައް ނެގުމަށް ކަމަށެވެ. އެފަދަ އުޅަނދުތައް ނެގުމަށްފަހު ރަޖިސްޓްރީ ކުރެވެންދެން ވަކި ތަނެއްގައި ވަކި މުއްދަތަކަށް ބަހައްޓާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.