ރ. އަލިފުށީ ބިން ހިއްކުމާއި އެއަރޕޯޓް އެޅުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ފަށައިފިއެވެ.

އިއްޔެ އަލިފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއު ފައްޓަވައިދެއްވީ،  ރައްޔިތުންގެ މަޖިލީހުގެ އަލިފުށި ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހުސައިންއެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމުވެސް ބައިވެރިވެލެއްވިއެވެ.

އަލިފުށީގައި އެއަރޕޯޓް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އެރަށުގެ ފަޅުން 50.5 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. މި މަޝްރޫއުއަށް ބޭނުންވާ ބިން ހިއްކުމާއި އެއަރޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

އެމްޓީސީސީން ބުނީ ބިން ހިއްކުމުގެ މަސައްކަތް ނިމުމާއެކު އެއަރޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

މި މަޝްރޫއު ދެއަހަރު ދުވަހުގެ ތެރޭގައި ނިންމަން ވަނީ ހަމަޖެހިފައެވެ.