ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 14 ހަފްތާއަށް ކަނޑައެޅުއްވި މަގު ޗާޓު ”ހަފްތާ14″ގައިވާ ހުރިހާ ވައުދެއްހެން ފުއްދިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް އޮފީހުން ކުރިއަށް ގެންދާ ރައީސްގެ ޖަވާބު ސިލްސިލާގައި، ސަރުކާރުގެ ފުއްދަވަމުން ގެންދަވާ މިންވަރާމެދު ރައްޔިތަކު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ވައުދުތައްވީ ހުރިހާ ވައުދެއްވެސް ފުއްދުމަށްކަމަށާއި، އެމަނިކުފާނު މަސައްކަތް ކުރަނީ ވައުދުތައް ފުއްދުމަށްކަމަށެވެ.

އެގޮތުން ސަރުކާރު ފުރަތަމަ 14 ހަފްތާއަށް ކަނޑައެޅީ 161 ވައުދުކަން ފާހަގަކުރައްވައި، ރައީސް މުއިއްޒު ވިދާޅުވީ އޭގެތެރެއިން ހުރިހާ ވައުދެއްހެން އެ ކަނޑައެޅި ތާރީހާ ހަމައަށް ފުއްދިފައިވާ ކަމަށެވެ.

މި ވައުދުތަކުގެ ތެރެއިން ދެތިން ކަމެއް ގާތްގަނޑަކަށް ނިމުމަކާ ހަމައަށް ގޮސްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުކް 161 ވައުދުގެ ތެރެއިން 155 ވައުދަށް ވުރެއް ގިނަ ވައުދު ކަނޑައެޅި މިންވަރަށް އެއްކޮށް ހާސިލުކުރެވިފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

 

ކުރިއަށްހުރި އަހަރުތަކުގައި ކުރަންޖެހޭ މަސައްކަތްތަކަށް ކުރުމަށް ކުރަންޖެހޭ ކަންކަން ކުރެވެމުންދާކަމަށް ރައިސް ވިދާޅުވިއެވެ. އަދި ރަށްރަށަށް ކުރާ ދަތުރުތަކުގައި ރައްޔިތުން އެދޭ ކަންކަމުގެ ތެރެއިން ކުރަންޖެހޭ މަސައްކަތްތައް އެކި މިނިސްޓްރީތަކުންނާއި ކުންފުނިތަކުން ވަރަށް ބާރު ސްޕީޑުގައި ފަށާފައިވާ ކަމަށެވެ.

 

ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ހުރިހާ ވައުދުތަކެއްވެސް ފުއްދިގެންދާނެ ކަމަށާއި ފުރަތަމަ 14 ހަފްތާއަށް ކަނޑައެޅީ ހުރިހާ ވައުދެއްހެން ފުއްދިފައިވާކަމަށެވެ.