މިދިޔަ ޖެނުއަރީ މަހާ އަޅާބަލާއިރު، ފެބްރުއަރީ މަހުގައި ޑެންގީ ހުމުގެ ކޭސްތައް މަދުވެއްޖެއެވެ.

Ads by Asuru

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖެނުއަރީ މަހު ޑެންގީ ހުންޖެހިގެން 145 ކޭސް ރިޕޯޓްކޮށްފައިވެއެވެ.

މި އަހަރު ފެބްރުއަރީ މަހު ރިޕޯޓްކޮށްފައިވަނީ 115 ކޭސްއެވެ.

މިދިޔަ އަހަރުގެ މި ދުވަސްވަރުގައި މި ބަލީގެ ކޭސްތައް ވަރަށް ގިނައެވެ.

އެގޮތުން މިދިޔަ އަހަރު ޖެނުއަރީ މަހު ޑެންގީގެ 238 މައްސަލަ ރިޕޯޓްކޮށްފައިވާއިރު، ފެބްރުއަރީމަހު ރިޕޯޓްކޮށްފައިވަނީ 155 ކޭސްއެވެ.

ޑެންގީ ހުމަކީ މަދިރީގެ ޒަރީއާއިން ފެތުރޭ ވައިރަލް ހުމެކެވެ. ޑެންގީ ހުން ޖައްސާ ވައިރަސްގެ ހަތަރު ވައްތަރެއް މިހާތަނަށް ވަނީ ފެނިފައެވެ.

މި ވައިރަހުގެ ކޮންމެ ބާވަތަކުން މީހަކަށް ބަލި ޖެހެނީ އެއްފަހަރުއެވެ. އީޑީޒް އިޖިޕްޓައި، އަދި އީޑީޒް އަލްބޯޕިކްޓަސް މަދިރިން އުފުލާ މިވައިރަސް އިންސާނާގެ ހަށިގަނޑަށް ވާސިލު ވަނީ ޖަރާސީމް އަށަގެންފައިވާ މަދިރި އިންސާނާ ގައިގައި ހަފާ ވަގުތުއެވެ.

ޑެންގީ ހުމަކީ މަދިރި ހެފުމަކާއި ނުލައި އެކަކު ގައިން އަނެކަކުގެ ގަޔަށް އަރާ ބައްޔެއް ނޫނެވެ.

ޑެންގީ ހުމުގެ ކޭސްތައް މަދުވީއިރު، މިއަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު ފެބްރުއަރީ މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރި މިންވަރުވެސް ވަނީ މަދުވެފައެވެ.
މި އަހަރުގެ ޖެނުއަރީ މަހު އަރިދަފުސް ރޯގާގެ 29764 ކޭސް ރިޕޯޓްކޮށްފައިވާއިރު، ފެބްރުއަރީ މަހު ރިޕޯޓްކޮށްފައިވަނީ 29170 ކޭސްއެވެ.