ރޯދައަށް ހުންނައިރު ކަރު ހިއްކުމަކީ އާއްމުކޮށް ގިނަ މީހުންނަށް ދިމާވާ ކަމެކެވެ. ދިވެހިރާއްޖެއަކީ ހޫނު ގައުމަކަށްވުމާއިއެކު، ދުވާލުގެ ވަގުތު ތަކުގައި މަސައްކަތުގައި ބުރަކޮށް އުޅޭއިރު ކަރުހިއްކާ ގޮތް މެދުވެރިވުން ވެސް ގާތެވެ.
މިކަމަށް އޮތް ހައްލެއްގެ ގޮތުގައި، ގިނަ ޑައިޓީޝަނުން ފާހަގަކުރާ އެއް ކަމަކީ ހާރު ކާ ވަގުތުގައި ކުރުނބާ ފެން ތައްޓެއް ބޯލުމެވެ. ކުރުނބަލަކީ ސިއްހީ އެތައް ފައިދާއެއް އެކުލެވިގެންވާ ބުއިމެކެވެ.
ކުރުނބާއިން ވަނީ ކޮން ފައިދާއެއް؟
އިންސާނާގެ ހަޖަމު ކުރުމުގެ ނިޒާމަށް ކުރުނބާ އެހީވަނީ އޭގައި ހިމެނޭ ފައިބާގެ ސަބަބުންނެވެ. މިސާލަކަށް ބަނޑު ހިކުން ނުވަތަ އާދަޔާ ހިލާފަށް ފާހާނާއަށް ދެވުން ފަދަ ކަންކަން ދިމާވާ ނަމަ ކުރުނބާ ފެނަކީ އޭގެ ހައްލެކެވެ.
އާންމުކޮށް ކިޑްނީގެ މައްސަލަތައް ދިމާވަނީ ކުޑަކަމުދިއުމަށް ދަތިވުމުން ނުވަތަ ކުޑަކަމުދެވޭ މިންވަރު މަދުވުމުންނެވެ. އެއީ ކުޑަކަމު ދިއުން މަދުވާ ނަމަ ކިޑްނީއަށް ބާރުބޮޑުވާތީއެވެ.
ކުރުނބާ ފެން ގިނައިން ބޯނަމަ މީހާގެ ކުޑަކަމުދާ ނިޒާމުގެ މައްސަލަތައް ވެސް ހައްލުކޮށްދީ ކިޑްނީއަށް ދިމާވެދާނެ ނުރައްކާތަކުން ސަލާމަތްކޮށްދޭނެއެވެ.
ލޭމައްޗަށް ދިއުމަކީ ވަރަށްގިނަ މީހުންނަށް ދިމާވާ ކަމެކެވެ. އެކަން އެގޮތަށް ދިމާވަނީ ހަށިގަނޑުގައި ހިމެނޭ ”އިލެކްޓްރޯލައިޓްސް“ ކިޔާ މާއްދާއެއްގެ ސަބަބުންނެވެ.
ކޮންމެ ދުވަހަކު ހެނދުނު ކުރުނބާ ފެންތައްޓެއް ބޯ ނަމަ އެދުވަހަކު ހަށިގަނޑުގެ ބްލަޑް ޕްރެޝާ ނޯމަލް މިންވަރެއްގައި ހިފަހައްޓައިދޭނެއެވެ.
ހަމުގެ މައްސަލަތަކަކީ ވަރަށް ގިނައިން ދިމާވާ މައްސަލައެކެވެ
ބިހި ނެގުން ފަދަ އާންމުކޮށް ހަމަށް ދިމާވާ މައްސަލަތައް ދިމާވަނީ ހަށިގަނޑުގައި އުފެދޭ ތެޔޮކަމެއްގެ ސަބަބުންނެވެ. މިމައްސަލަ އެންމެ ބޮޑަށް ދިމާވަނީ މޫނަށެވެ. ކުރުނބާ ފެނުގެ ސަބަބުން ގައިގެ ޖަރާސީމުތައް ނައްތާލައި އެގޮތައް އުފެދޭ ތެޔޮތަކުގެ ނުރައްކާ ކުޑަކޮށްދެއެވެ.
ީ
