ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަކީ ދިވެހިރާއްޖޭގެ ތާރީހު ބަދަލު ކޮށްލާނެ ލީޑަރެއް ކަމަށް ޓޫރިޒަމް މިނިސްޓަރު ފައިސަލް ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމްއެންޑީއެފްގެ އެއާކޯގެ ހިދުމަތް އިފްތިތާހު ކުރުމާ ގުޅިގެން މިނިސްޓަރު ފައިސަލް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ.މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ، ބޮޑެތި ވައުދުތަކާއި އެކު ކަމަށެވެ.

ކޮންމެ ވައުދެއްވެސް ވީ އެ ވައުދެއް ފުއްދާނެ ކަމުގެ އިހްލާސްތެރި ހެޔޮ ނިޔަތުގައި ކަމަށާއި، ރައީސް ޑރ.މުއިއްޒު ވެރިކަމަށް ވަޑައިގެން ފުރަތަމަ ދުވަހުން ފެށިގެން ކުރައްވަނީ ވައުދުތައް ފުއްދުމުގެ މަސައްކަތްކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

”ރައީސް ޑރ.މުއިއްޒު އަކީ ދިވެހި ރާއްޖޭގެ ތާރީހު ބަދަލުކޮށްލާނެ މޮޅު ލީޑަރެއް. ވެރިކަމަށް ވަޑައިގެންނެވީ ބޮޑެތި ވައުދުތަކާއި އެކު ކޮންމެ ވައުދެއްވެސް ވީ އެ ވައުދެއް ފުއްދާނެ ކަމުގެ އިހްލާސްތެރި ހެޔޮ ނިޔަތުގައި. ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެ ކުރައްވަނީ ވައުދު ފުއްދުމުގެ މަސައްކަތް.“ މިނިސްޓަރު ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ، ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދީ ފުދުންތެރި ރައްޔިތުން ދިރިއުޅޭ ދިވެހިވަންތަ ދިވެހީންގެ ދިވެހި ރާއްޖެއެއް ހޯދައިދިނުމަކީ ރައީސް ޑރ.މުއިއްޒުގެ އަމާޒު ކަމަށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޭރު ބައެއްގެ އެއްވެސް އެހީއެއް ނެތި 24 ގަޑި އިރު ބެލެހެއްޓުމުގެ ނިޒާމެއް ގާއިމު ކުރުމަކީ ރައީސް މުއިއްޒުގެ މުހިންމު ވައުދުފުޅެކެވެ.

މި ވައުދުފުއްދެވުމަށްޓަކައި ތުރުކީން ޑްރޯން ގެނެސް އިއްޔެ ވަނީ އެކަން ބެލެހެއްޓުމަށް ދިވެހި ދިފާއީ ބާރާއި ހަވާލުކުރައްވާފައެވެ.

ގައުމީ ދިފާއީ ބާރުގެ އެއަރ ކޯރގެ ޚިދުމަތަށް ގެނެސްފައިވަނީ ތުރުކީވިލާތުގެ އުފެއްދުމެއްކަމަށްވާ ބޭރެކްޓަރ މޮޑެލްގެ އަންމޭންޑް ކޮމްބެޓް އޭރިއަލް ވެހިކަލްތަކެކެވެ.

މި ޔޫއޭވީތައް ހޯދުމުގެ މަސައްކަތާއެކު މިކަމަށް ބޭނުންވާ ސިފައިން ތަމްރީންކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.

އެގޮތުން މިކަމަށް ބޭނުންވާ ސިފައިންގެ ފުރަތަމަ ޓީމް މިހާރު ވަނީ ތަމްރީންކޮށްފައެވެ. އަދި އިތުރު ސިފައިން މިހާރުވެސް ދަނީ ތުރުކީވިލާތުގައި ތަމްރީން ފުރިހަމަކުރަމުންނެވެ.