ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައިވާ ހިޔާ ފްލެޓްތަކުގެ ލިފްޓް ހަރުކުރުމުގެ މަސައްކަތް ނިމޭއިރު ލިފްޓުގައި ބަލިމީހުން އުފުލުމުގެ ކަންކަމަށް ހައްލު ލިބިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިފަދައިން ވިދާޅުވީ ”ރައީސްގެ ޖަވާބު“ ޕްރޮގްރާމަކަށް އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ގދ.ގައްދޫ، ކައިރުގޭ، މުހައްމަދު ލަބީބު ރައީސްއާއި ކުރެއްވި ސުވާލުގައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓުތައް ހަރުކުރާއިރު ބަލިމީހުން އުފުލާ ބާލަން ފަސޭހަ އިންތިޒާމެއް ހަމަޖެހޭނެތޯއެވެ.

އޭނާގެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ހިޔާ ޓަވަރުތަކުގެ ލިފްޓް ހަރުކުރުމުގެ މަސައްކަތް ކުރާއިރު ބަލި މީހުން އުފުލުމަށް ހާއްސަ ނުވަތަ ސްޓްރެޗަރ އުފުލޭނެ އިންތިޒާމްވެސް ހަމަޖައްސަވާނެކަމަށެވެ.

އަދި ހިޔާ ފްލެޓްތަކުގެ ލިފްޓްތައް ހަރުކުރުމުގެ މަޝްރޫޢު ނިމޭއިރު ބަލިމީހުން އުފުލުމުގެ ކަންކަމަށް ހައްލެއް ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކޮށްދިނުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ.