2025 ވަނަ އަހަރު ނިމުމުގެ ކުރިން، ރާއްޖޭގެ ކޮންމެ ރަށެއްގައި ކުޑަކުދިންގެ ޕާކެއް ގާއިމުކުރުމަކީ މި ސަރުކާރުގެ އަމާޒެއްކަމުގައި ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަރީފް ވިދާޅުވީ ކުޑަކުދިންގެ ޕާކުތައް ތަރައްގީކުރުމުގެ މަސައްކަތްތައް ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާ އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ދަށަށް ބަދަލު ކޮށްފައިވާކަމަށެވެ.

ޕީއެސްއައިޕީގެ ދަށުން ކުޑަކުދިންގެ ޕާކުތައް ހެދުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވުޒާރާގެ ދަށަށް ބަދަލުކުރައްވާފައިވާކަން އިއުލާންކުރައްވަމުން ޝަރީފު ވިދާޅުވީ މުޅި މަޝްރޫއުތަކުގެ ސްޓޭޓަސް ދެނެގަނެ މަޝްރޫއު ކުރިއަށް ގެންދާނެ އިދާރީ އިންތިޒާމުތައް މިހާރު ހަމަޖައްސަވާފައިވާކަމަށެވެ.

މީގެ ކުރިން ކުޑަކުދިންގެ ޕާކުތައް ތަރައްގީކުރުމުގެ މަސައްކަތް ޔޫތު މިނިސްޓްރީގެ ދަށުން ކުރަމުން އައިސްފައިވާއިރު، އެ މިނިސްޓްރީން ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ކުޑަކުދިންގެ ޕާކު ގާއިމު ކުރުމަށް ބޭނުންވާ ސާމާނުތައް ހޯދާ ރަށްރަށުގެ ކައުންސިލުތަކާވެސް ހަވާލުކޮށްފައެވެ.

އެހެންނަމަވެސް ރާއްޖޭގެ ގިނަ ރަށްރަށުގައި މި މަޝްރޫއު އެންމެ އެކަށީގެން ވާ ގޮތެއްގައި ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

ކޮންމެ ރަށެއްގައި ވެސް ކުޑަކުދިންގެ ޕާކެއް އެޅުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ.