ސަރުކާރުން ދޮގު ހަދާ ކަމަށް އިދިކޮޅުން ތުހުމަތު ކުރަނީ، އެ ފަރާތްތަކުން ދޮގު ހަދާތީ ކަމަށް ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.

Ads by Asuru

އަދަދު ނޫހުގެ ”އެއްޗެއްކަޅެއް“ ޝޯގައި ވާހަކަ ދައްކަވަމުން ޝިއުނާ ވިދާޅުވީ ދޮގު ހަދަނީ ސަރުކާރުން ނޫން ކަމަށާއި، އެއީ އިދިކޮޅު ފަރާތްތަކުން ކުރާ ކަމެއް ކަމަށެވެ.

”އިދިކޮޅުން ދޮގު ހަދާ ހަމަ ގައިމުވެސް، ޔަގީނުން ވެސް. އަސްލު ދޮގު ހަދާ ބަޔަކަށް ހީވާނީ، އެހެން މީހުން ވެސް ހަދަނީ ދޮގޭ.“ ޝިއުނާ ވިދާޅުވިއެވެ.

ޝިއުނާ ވިދާޅުވި ގޮތުގައި، އިދިކޮޅު ފަރާތްތަކުން، މި ސަރުކާރުން ހަދަނީ ދޮގު ކަމަށް  ބުނެ ފަތުރާ ވާހަކަތަކަކީ ތެދުކަން ސަރުކާރުން ދަނީ ސާބިތުކޮށްދެމުންނެވެ.

”ދެން އަބަދު، ތެދެއް ހެދިޔަސް އެ ހެދީ ދޮގު، ކޮންމެ އެއްޗެއް ބުންޏަސް ދޮގު ދޮލަނގު.“ ޝިއުނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދާ މަންޒަރު އަމަލީ ސިފައެއްގައި ފެނުމުން، ދޮގު ހަދަނީ ކޮންބައެއްކަން ރައްޔިތުންނަށް އިނގޭނެ ކަމަށެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު މާލެ ސިޓީގެ މޭޔަރަކަށް ހުންނެވިއިރު ސިޓީ ކައުންސިލުގެ ތަރުޖަމާނުގެ މަގާމުގައި ހުންނެވި ޝިއުނާ ވިދާޅުވީ، ރައީސް އަކީ އިތުރުފުޅު ހައްދަވާ ބޭފުޅެއް ނޫން ކަމަށާއި، ވައުދެއް އެމަނިކުފާނު ވެވަޑައިގެންނެވި ގޮތަށް ފުއްދެވުމަށް  ބޭނުންފުޅުވެލައްވާ ކަމަށެވެ.

މި ސަރުކާރުން ވެސް، މެނިފެސްޓޯއެއް އެކުލަވައިލީ، ވެރިކަމުގެ ފަސް އަހަރު ދުވަހަށް ކަމުގައިވާއިރު، މި ފާއިތުވި މަދު ދުވަސްތަކުގެ ތެރޭގައި، ރައީސް ވައުދު ނުފުއްދަވާ ކަމަށާއި، އިތުރުފުޅު ހައްދަވަނީ ކަމަށް ބުނުމުގެ ޖާގައެއް ނޯންނާނެ ކަމަށް ވެސް ޝިއުނާ ވިދާޅުވިއެވެ.