މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ރީސްޓްރަކްޗަރ ކޮށް، މާކެޓިންއަށް ކުރާ އިންވެސްޓްމެންޓް މިހާރަށްވުރެ ތިންގުނަ އިތުރުކޮށް، މިހާރު ސަރުކާރުން ގެންގުޅެމުންދާ ޒަމާންވީ އެސްއޯއީ މޮޑެލް މުޅިން ބަދަލުކުރުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާސް (މަޓާޓޯ) އިން ކުރިންވެސް ގޮވާލަމުންއައި ގޮވާލުން ތަކުރާރުކޮށް މިކަމަށް އަވަސްވެގަތުމަށް މަޓާޓޯއިން އިލްތިމާސްކޮށްފިއެވެ.
މަޓާޓޯ އިން ބުނީ ދައުލަތުން ޖީޑީޕީ 12 ބިލިއަން ޔޫއެސް ޑޮލަރަށް ވާސިލު ކުރުމަށް މިސްރާބު ޖަހާފައިވާ ދަނޑިވަޅެއްގައި، އަދި ދިވެހިރާއްޖޭގެ އިގްތިސާފު ފަތުރުވެރިކަމުގެ ސިނާއަތަށް މިހާބޮޑަށް ބަރޯސާވެފައިވާއިރު، ފަތުރުވެރިކަން އިޝްތިހާރުކޮށް ކުރިއެރުވުމަށް އިތުރު އަހައްމިއްޔަތެއް ދިނުމަކީ ދެމެހެއްޓެނިވިކޮށް މިސިނާއަތް ފުޅާކޮށް ދިވެހިރާއްޖޭގެ އިގްތިސާދު ކުރިއަރުވައި އަދި އިގްތިސާދީ ހަމަޖެހުން ގާއިމުކުރުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.
މިކަމަށް ބަލާއިރު، މަޓާޓޯއިން 2017 ވަނަ އަހަރުގެ ބައިނަލްއަގުވާމީ ފަތުރުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ”އިމްޕޯޓަންސް އޮފް ޑެސްޓިނޭޝަން މާކެޓިންގް“ ގެނަމުގައި ނެރެފައިވާ ހާއްސަ ރިޕޯރޓްގައި ވެސް އަލިއަޅުވާފައިވާނޭފަދައިން، ވޭތުވެ ދިޔަ އަހަރުތަކުގައިވެސް މަންޒިލް މާކެޓްކުރުން އެއީ އެހެން ހުރިހާކަމަކަށްވުރެ މުހިންމު ކަމެއްކަމުގައި މަޓާޓޯއިން ވާނީ ތަކުރާރުކޮށް ގޮވާލާފައެެވެ.
ރާއްޖެއާއި ވާދަކުރަމުން އަންނަ ބައެއް ގައުމުތައް ކަމުގައިވާ، ސްރީލަންކާ، މޮރިޝަސް އަދި ސީޝެލްސްއަށް ދިމާވެފައިވާ ގޮންޖެހުންތައް ދިރާސާކޮށް ގިނަގުނަ ތަފްސީލީ ހޯދުން ތަކެއްގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ މިރިޕޯޓުގައި، ބައިނަލްއަގްވާމީ ފެންވަރުގައި ރާއްޖެއަކީ ފަތުރުވެރިންނަށް ސަލާމަތްތެރި ”ހޭވަން“އެއް ގޮތުގައި އިޝްތިހާރުކުރުން އިތުރަށް ފުޅާކުރުމުން ލިބޭނެ ގިނަ ގުނަ ފައިދާތައް ތަފްސީލުކޮށް ބަޔާންކޮށްދީފައިވެއެވެ.
މި ރިޕޯޓުއެކުލަވާލާފައިވަނީ، ފަތުރުވެރިކަމުގެ ސިނާޢަތުގެ ތަޖުރިބާކާރުން ކަމުގައިވާ، ސީއެންއެން އިންޓަރނޭޝަނަލް، ޓީޓީޖީ އޭޝިއާ އަދި ޕާޓާ އާއި މަޓާޓޯއިން ބޭއްވި މޯލްޑިވްސްް ޓްރެވަލް ކޮންފަރަންސްގައި ކުރެވުނު ބަހުސްތަކުގެ އަލީގައެވެ.
2023 ވަނަ އަހަރުގައި 1،878،543 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާއިރު، ލިބެެންހުރި ޢާއްމު މަޢުލޫމާތުގެ އަލީގައި މަޓާޓޯއިން ބެލިބެލުމުން، އެމްއެމްޕީއާރުސީގެ ޒަރިއްޔާއިން ދިވެހި ސަރުކާރުން މަންޒިލް މާކެޓް ކުރުމަށްޓަކައި ހޭދަކޮށްފައިވަނީ ބޮލެއްގެ މައްޗަށް އެންމެ 4 ޔޫއެސް ޑޮލަރެވެ.
ނަމަވެސް ދިވެހި ދައުލަތަށް، ރިޓާން އޮން އިންވެސްޓްމަންޓް (އާރްއޯއައި)ގެ ގޮތުގައި ސީދާ އަދި ނުސީދާގޮތުން ފަތުރުވެރިކަމާއިި ގުޅިފައިވާ ޓެކްސް އާއި ފައިދާއަށްބަލާއިރު، ބޮލަކަށް 600 ޔޫއެސް ޑޮލަރު ވަދެފައިވާ ކަމަށް އަންދާޒާކުރެވެއެވެ.
މާނަ އަކީ 12،000 ޕަސަންޓުގެ އާރުއޯއައި ރާއްޖެއަށް ލިބިފައިވުމެވެ.
މަޓާޓޯ އިން ބުނީ ދިވެހިރާއްޖޭގެ އިގްތިސާދުގައި ފަތުރުވެރިކަމުންކުޅޭ ދައުރާމެދު ފިކުރުކޮށް، ހާއްސަކޮށް ޖީޑީޕީއާއި ވަޒީފާތަކަށާއި ޖުމްލަކޮށް މުޅިގައުމުގެ ކުރިއެރުމަށް ފަތުރުވެރިކަމުގެ ސިނާއަތުން އަދާކުރާ މުހިންމު ރޯލަށް ބަލާއިރު، ދައުލަތުން މި ސިނާއަތް ކުރިއަރުވާ ދެމެހެއްޓުމަށްޓަކައި ކުރާހޭދަ އިތުރުކުރުމުގެ މުހިންމުކަން ވަރަށް ބޮޑު ކަމަށެވެ.
”މިކަމަކީ ސަރުކާރުން ކުރާ ހޭދައެއް ކަމަށް ނުބަލާ، މިއީ ސަރުކާރުންކުރާ އިންވެސްޓްމެންޓެއްކަމަށް ދެކިގެންނެވެ. ހާއްސަކޮށް ފަތުރުވެރިކަމުން ލިބޭއާމްދަނީއަށް ގައުމު އިންތިހާއަށް ބަރޯސާވެފައިވީއިރު، ފަތުރުވެރިކަން މާކެޓްކުރުމަށް ފަރުވާވާކުޑަކޮށްފިނަމަ މާލީގޮތުން ކޮށްފާނެ ނޭދެނިވި އަސަރުތައްކޮށް ދައުލަތުގެ އިކޮނަމީއަށް ލޮޅުންއަރައި، ރައްޔިތުންގެ އާންމު ދިރިއުޅުމަށް ހިިތި އަސަރުކުރުން އެއީވުން ގާތްކަމެކެވެ. މިކަމުގެ ހެއްކަކީ 2020 ވަނައަަހަރު ދިމާވި ޕެންޑަމިކްގެ ސަބަބުން ފަތުރުވެރިކަން އެންމެ ތިންމަހަށް މެދުކެނޑުމުން ބޭރުފައިސާ ލިބުމުގެ ދަތިކަމާއި، ކާބޯތަކެތި އެތެރެކުރުމާއި، ސަރުކާރުން ތެޔޮ ބިލްތަކަށްފައިސާ ދެއްކުމަށް ދިމާވި ގޮންޖެހުންތަކާއި ގައުމަށް ދިމާވި ބިރުވެރި ހާލަތެވެ.“ މަޓާޓޯއިން ބުންޏެވެ.
މަޓާޓޯއިން މަންޒިލް މާކެޓް ކުރަން މެދުކެނޑުމެއްނެތި ގޮވަމުން އަންނަ ހާލަތުގައި އެމްއެމްޕީއާރުސީ އިން އަމިއްލަ ފުދުންތެރިކަމަށް މަސައްކަތްކުރަން މިސްރާބު ބަދަލުކުރުމަށް މަޝްވަރާކުރަމުންދާތީ އިންޑަސްޓްރީގެ ގިނަބަޔެއްވަނީ ކަންބޮޑުވުން ފާޅުކޮށްފައި ކަމަށް މަޓާޓޯ އިން ބުނެއެވެ.
”އެހެންކަމުން މަޓާޓޯއިން މިނިސްޓްރީ އޮފް ޓުއަރިޒަމް އަދި މިނިސްޓްރީ އޮފް ފައިނޭންސް އާއި ގުޅިގެން މި ކަންބޮޑުވުންތަކަށް އަވަސް ހައްލެއްހޯދުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށްވަނީ ބުނެފައެވެ.“
ވޭތުވެ ދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޢާންމު އަދި އަމިއްލަ ސެކްޓަރުން ކޮށްފައިވާ މަސައްކަތް ނުހަނު ގިނަކަމަށް މަޓާޓޯއިން ގަބޫލު ކުރާ ކަމަށާއި، ވަކިން ހާއްސަކޮށް ޕެންޑަމިކްގެ ތެރޭގައި ލިބުނު އެއްބާރުލުން އިތުރަށް ފާހަގަކޮށް، މިއަދު ފެންނަމުންދާ ނަތީޖާއަކީ ވޭތުވެ ދިޔަ ތިން އަހަރުގެ ބުރަ މަސައްކަތާއި ހޭދައިގެ ފޮނި ނަތީޖާކަމަށް ބަޔާންކޮށްފައިވެއެވެ.
ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު މަޓާޓޯއިން ދެކޭގޮތުގައި އަމިއްލަ ވިޔަފާރިވެރިން ކޮށްފައިވާ ހޭދައާއި އަޅާބަލާއިރު ދައުލަތުން ކޮށްފައިވާ ހޭދަ 10 ޕަސަންޓް އަށްވުރެ ދަށެވެ.
މީގެ އިތުރުން މަޓާޓޯއިން ފާހަގަކުރާ ގޮތުގައި، މިވަގުތު އެމްއެމްޕީއާރުސީގެ ބޯރޑްގައި އިންޑަސްޓްރީ ތަމްސީލްކުރާ މަންދޫބުން މަދުކަމާއި ބޯޑު މެމްބަރުންގެ އިންޑަސްޓރީގެ ތަޖުރިބާ މަދެވެ.
މީގެއިތުރުން ޓްރެވަލް އެޖެންޓުން، ގެސްޓްހައުސް އަދި ލިވްއަބޯރޑްތަކުން ފެއަރތަކުގައި ބައިވެރިވާން ނަގާފީ ބޮޑުކުރަން މަޝްވަރާކުރާތީ ކަންބޮޑުވުން ފާޅުކޮށް މަޓާޓޯ އިން ވަނީ ފަތުރުވެރިކަމުގެ މުހިންމުކަން ބަލައިގަންނަ، އަދި މި ސިނާއަތުގެ ކުރިއެރުމާއި ހަމަޖެހުމަށް ހުރަސްނޭޅޭނެ ފަދަ މާލީ އުސޫލުތަކެއް ގާއިމު ކުރުމަށް ގޮވާލާފައެވެ.
އެހެންކަމުން، މަޓާޓޯއިން ގޮވާލަނީ ރާއްޖޭގެ ފަތުރުވެރިކަމުގައި ހޯދަން ކަނޑައަޅާފައިވާ ލަނޑުދަނޑިތަައް ހާސިލު ކުރުމަށްޓަކައި، ހާއްސަކޮށް އެހެން ގައުމުތަކުގެ ވާދަވެރިކަމަށް ބަލައި، އިޝްތިހާރުކުރުމަށް އިތުރު އަހައްމިޔަތެއްދީގެން މިހާރު ޑެސްޓިނޭޝް މާކެޓިންގްއަށް ކުރަމުން އަންނަ ޚަރަދު ތިންގުނައަށް އިތުރުކުރުމަށެވެ. ލޯ ސީޒަނަށް ދިމާކޮށް ”ސަމަރ ކެމްޕެއިން“ ފަދަ ”ޓާރގެޓެޑް ކެމްޕެއިން“އަށް ސަމާލުކަންދީގެން ކުރިއަށްގެންދިއުމަށެވެ.
އަދި މީގެ އިތުރުން ރާއްޖޭއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން ޗުއްޓީގައި ދިގު މުއްދަތު ހޭދަކުރާ ފަރާތްތަކަށް ސަމާލުކަންދީގެން ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ އެވެރެޖް މުއްދަތު އިތުރުކުރުމުގެ މުހިންމުކަމަށްވެސް މަޓާޓޯ އިން އަލިއަޅުވާލިއެވެ.
މަޓާޓޯއިން ބަޔާންކުރާގޮތުގައި މިކަންކަން ހާސިލުކުރުމަށްޓަކައި މިހާރަށްވުރެ ރަނގަޅު މާކެޓިންގ އުކުޅުތައްބޭނުންކުރުމާއި، ހޯދާ ޑޭޓާގެ އަލީގައި އެކުލަވާލާ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުން މުހިންމެވެ.