އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރުން އައްޔަން ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލިހަށް އޮންނަ ގޮތަށް ގަނޫނަށް އިސްލާހެއް ހުށަހަޅުއްވައިފިއެވެ.

މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ފަރާތުން ހޮޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔޫނުސް އަލީއެވެ. އޭނާ ހުށަހެޅުއްވީ އީސީގެ ގާނޫނުގެ ހަތަރު ވަނަ މާއްދާ އިސްލާހު ކުރާށެވެ.

އިސްލާހު ހުށަހަޅުއްވަމުން އޭނާ ވިދާޅުވެފައިވަނީ އީސީއަށް މެމްބަރުން އައްޔަން ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލިހަށް އޮތުން މުހިންމު ކަމުގައެވެ.

މި އިސްލާހުގައި ވަނީ އީސީގެ މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ނަންތައް ދިރާސާކޮށް، މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްގެން، އީސީގެ މެމްބަރުން އައްޔަން ކުރުމުގެ ބާރު މަޖިލީހަށް ލިބެން ޖެހޭއިރު، ރައީސުލްޖުމްހޫރިއްޔާއަށް ހަމައެކަނި ލިބިދޭ ބާރަކީ މެމްބަރުން ކޮމިޝަނަށް އައްޔަން ކުރުމުގެ އިޚްތިޔާރު އެކަނި ކަމަށް ކަނޑައެޅުމަށެވެ

އީސީގެ ގާނޫނުގެ ހަތަރުވަނަ މާއްދާގައި، އިލެކްޝަން ކޮމިޝަނަށް މެމްބަރުން އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަަށް ދީފައިވާއިރު، މެމްބަރު ކަމަށް އާންމުކޮށް އިއުލާނުކޮށްގެން ހުށަހަޅާ ބޭފުޅުންގެ ނަންތައް މަޖިލީހަށް ފޮނުވައިގެން، ރައީސުލްޖުމްހޫރިއްޔާ އަށް މެމްބަރަކު އައްޔަން ކުރެއްވޭނީ މަޖިލީހުން ފާސް ކޮށްގެންނެވެ.

މިފަދަ އިސްލާހެއް އެމްޑީޕީން ހުށަހެޅިއިރު، އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިސްމާއީލް ހަބީބުގެ ދައުރު މިމަހުގެ 13 ވަނަ ދުވަހު ވަނީ ނިމުމަކަށް އައިސްފައެވެ.