ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު އަންގަވައިގެން، ވިޔަފާރިވެރިން ދޭ ފައިސާ ބަހާފައިވާނެ ކަމަށް އޭނާގެ ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރި ވަަރަށް އަރިސް މީހެއް ކަމުގައިވާ މުހައްމަދު ހުސައިން (އޮއިއްޓޭ) ބުނެފިއެެވެ.

Ads by Asuru

އޮއިއްޓޭ މިހެން ބުނެފައިވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމާއި މަނީލޯންޑަރިންގެ ކުށުގެ ދައުވާ އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޔޫސުފް ނައީމުގެ މައްޗަށްކުރާ، ރިޝްވަތު ދިންކަމުގެ ކުށުގެ ދައުވާގައި މިއަދު ކުރިމިނަލް ކޯޓުގައި ހެކިބަސް ދެމުންނެވެ.

ލަންޑަންގައި ހުންނަ ދިވެހި ހައިކޮމިޝަންގައި ހުރެގެން އޮންލައިންކޮށް ވީޑިއޯ ކޮންފަރެސްކޮށް ހެކިބަސް ދެމުން އޮއިއްޓޭ ވަނީ އަދީބުގެ ޑްރައިވަރެއްގެ ހައިސިއްޔަތުން އެކި ވިޔަފާރިވެރިންގެ އަތުން ފައިސާ ނެގުމާއި އަދީބު އަންގައިގެން އެކި މީހުންނާ ފައިސާ ހަވާލުކޮށްފައިވާނެ ކަމަށް ބުނެފައެވެ. އަދި އަދީބު އާންމުކޮށް ފައިސާ ބަހައްޓަވަނީ އޭނާގެ ގެކޮޅާއި ކާރާއި އޭނާގެ އޮފީހުގައި ކަމަށް އޮއިއްޓޭ ބުންޏެވެ.

އޮއިއްޓޭ ބުނި ގޮތުގައި އަދީބު އަންގަވައިގެން އެހެން މީހުންނާ ހަވާލުކުރި ފައިސާގެ ސީދާ އަދަދެއް އޭނާ ހަނދާން ނެތް ކަމަށެވެ. އަދި އަދީބުގެ ޑްރައިވަރަކަށް އުޅުނު އިރު ލިބުނު މުސާރަވެސް ހަނދާން ނެތް ކަމަށް ބުންޏެވެ.

އޭނާ އިތުރަށް ބުނީ، އަދީބު އަންގަވައިގެން ރައީސް ޔާމީނަށް އެއްމިލިއަން ރުފިޔާ ދީފައިވާނެ ކަމަށެވެ. އަދި ރައީސް ޔާމީނާ އެންމެ ފުރަތަމަ ބައްދަލުވީ، 2013 ވަނަ އަހަރު ކަމަށެވެ.

އޮއިއްޓޭ ބުނި ގޮތުގައި ރައީސް ޔާމީނާ ފައިސާ ހަވާލުކުރަން އެމަނިކުފާނުގެ ގެކޮޅަށް ގޮސް، އެމަނިކުފާނަށް ފުރަތަމަ ދިނީ އެއް ލައްކަ ރުފިޔާއެވެ. އެވަގުތު ޔާމީންގެ މޫނުން ނުތަނަވަސްކަން ފެނުނު ކަމަށާއި އެކަން އަދީބަށް ގުޅައި ހިއްސާކުރުމުން ފައިސާތައް އެއްކޮށް ޔާމީނަށް ދިނުމަށް އަދީބު ބުނި ކަމަށް އޮއިއްޓޭ ބުންޏެވެ.

އެހެންވެ، ކަރުދާސްކޮތަޅެއްގައި ހުރި އެއް މިލިއަން ރުފިޔާއިން ނުދީހުރި ނުވަ ލައްކަ ރުފިޔާ ޔާމީނަށް ދީފައިވާނެ ކަމަށް އޮއިއްޓޭ ބުންޏެވެ.