ސަމުގާ ހަމަމަގަށް އަޅުވާ ވާހަކަ އިދިކޮޅުން ދައްކާއިރު، ސަމުގާ އާއި އޮޑީގެ ކައްޕިކަމާއި، އޮޑީގެ ފަޅުވެރިން ލިބުމުން ނުކުރެވުނު ކަމެއް، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބުމުން ކުރެވިދާނެތޯ މައްޗަންގޮޅި މެދު ދާއިރާ އަށް ވާދަ ކުރައްވަވާ ކެންޑިޑޭޓު އަހުމަދު ޒަމީރު ސުވާލު ކުރައްވައިފިއެވެ.

Ads by Asuru

އޭނާގެ ކެމްޕެއިން ޖަގަހަ ހުޅުވަން ރޭ ބޭއްވި ރަސްމިއްޔާތުގައި ޒަމީރު ވަނީ އެމްޑީޕީއަށް ސަމުގާ އާއި އޭގެ ހުރިހާ ކައްޓެއް ހަމައަށް ލިބުމުން ވެސް، ކަންކަން ނުކޮށްދެވުނުކަން ފާހަގަކުރައްވައި، ފާޑު ވިދާޅުވެފައެވެ.

”މިއަދު ވެސް އެބޭފުޅުންގެ އަތުގައޭ ސަމުގާ އޮތީ، ސަމުގާގެ ހުރިހާ ކައްޓެއް ވެސް އެ ބޭފުޅުންގެ އަތުގައޭ. މިއަދު ވެސް އެބޭފުޅުންނަށް ނުކޮށްދެވުނު ކަމެއް، ދެން ކުރިއަށް އޮތް ފަސް އަހަރު އެ ބޭފުޅުންނަށް މަޖިލިސް ދެއްވައިގެން ކޮށްދެވިދާނެތޯ؟ ތި ބޭފުޅުން ކައިރީގަ އަޅުގަނޑު މި އަހާލަނީ.“ ޒަމީރު ވިދާޅުވިއެވެ.

ޒަމީރު ވަނީ ވެރިކަމުގެ ފަހު ދުވަސްވަރު، އެމްޑީޕީގެ ސަރުކާރުން، އިންތިހާބާ ދިމާކޮށް ގޯއްޗާއި ފްލެޓް ދޫކުރީ، ”ކޮތަރުތަކަށް ކާންދޭން، މުށަށް އަޅާފައި ހަނޑޫ އުކާލި ފަދައިން“ ކަމަށް ވިދާޅުވެ، މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ، ގޯއްޗާއި ފްލެޓު ދޭނެ ކަމަށް ބުނެ އިދިކޮޅުން ދައްކާ ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

 

މައްޗަންގޮޅި މެދު ދާއިރާއަށް ވާދަ ކުރައްވަވާ އަހުމަދު ޒަމީރުގެ ޖަގަހަ ހުޅުވަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

 

ޒަމީރުގެ ވާހަކައިގައި، ކުރީ ސަރުކާރުން ރިޔާސީ އިންތިހާބާ ދިމާކޮށް ކަނޑުފަޅުން ދިން ގޯތިތައް ވެސް، އެ ދިން ސަރަހައްދަކުން ހިއްކައިގެން ވިޔަސް ދެއްވާނެ ކަމަށް ވިދާޅުވެ، ރައީީސް ޑރ.މުހައްމަދު މުއިއްޒު ތަކުރާރުކޮށް ވެވަޑައިގަންނަވަމުންދާ ވައުދުފުޅު ފުއްދަވާނެ ކަމުގެ ކަށަވަރުކަން އޭނާއަށް އޮތްކަމުގައި ވިދާޅުވިއެވެ.

މަޖިލީހުގެ މެޖޯރިޓީ މިހާރު ވެސް ލިބިފައިވާ އެމްޑީޕީން އަމަލު ކުރަމުންދާ ގޮތް ރައްޔިތުންނަށް އެނގޭނެ ކަމަށް ވިދާޅުވެ، ސަރުކާރަށް ޖެއްސުން ކުރުން ނޫން ކަމެއް، އިދިކޮޅު މެމްބަރުން ނުކުރައްވާ ކަމަށް ޒަމީރު ވިދާޅުވިއެވެ.

”އެހެންވީމަ، ކުރިއަށް އޮތްތަނުގައި ތި ބޭފުޅުން ބޭނުންވަނީ، ސަރުކާރަށް ޖެއްސުން ކުރާނެ މަޖިލީހެއްތޯއޭ، ނޫނީ މި ސަރުކާރަށް އެއްބާރުލުންދީގެން، ތި ބޭފުޅުންގެ ކަންކަން ފުރިހަމަ ކޮށްދޭނެ މަޖިލީހެއްތޯއޭ އޮންނަން“ ޒަމީރު ވިދާޅުވިއެވެ.

ޒަމީރުގެ ވާހަކަ ނިންމަވައިލައްވަމުން އޭނާ ވަނީ ދާއިރާގެ ރައްޔިތުންގެ ވާހަކަ އަޑު އަހާނެ، މިހާތަނަށް ވެސް އަޑު އެހި ކެންޑިޑޭޓަކަށް ވޯޓު ދޭނަމަ، އޭނާއަށް ވޯޓު ދިނުމަށް ގޮވާލައްވާފައެވެ.