އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލައި އދ. ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސް ކުރުމުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެ، ގަރާރަށް ފުރިހަމައަށް އަމަލު ކުރަން ގޮވާލައްވައިފިއެވެ.

Ads by Asuru

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މިފަދަ ގަރާރެއް ފާސް ކުރަން މާބޮޑަށްވެސް ލަސްވެއްޖެ ކަމަށެވެ

އަދި އެ ގަރާރު ފާސްކޮށް އިޒްރޭލުންވެސް  ފުރިހަމައަށް ބޯ ލެނބުމަށް ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުންވެސް ރައީސް ވިދާޅުވީ ބައިނަލްއަގުވާމީ މުޖުތަމައުން މަސައްކަތްކުރަންވީ ހަމަލާތަކަށް ދާއިމީ ނިމުމެއް ގެނައުމަށް ކަމަށެވެ.

އަދި އިޒްރޭލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތައް ހުއްޓުވާ އަދި ގާޒާގެ ރައްޔިތުންނަށް މުޅި ދުނިޔެއިންވެސް އިތުރު މަސައްކަތްތަކެއް ކޮށްދޭންޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އަދި ހަނގުރާމަ ހުއްޓާލުމުގެ އުއްމީދަކީވެސް މި މާތްވެގެންވާ ރަމަޟޯން މަހުގެ ރޫހު ގާޒާގެ މުސްލިމުންނަށް ގެނުވަދޭނެ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އިޒްރޭލަށް ހަމާސް އިން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ދޭން ފެށި ހަމަލާތަކާ ގުޅިގެން، ފަލަސްތީނުގެ ގާޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލަން ގޮވާލައި މީގެ ކުރިން ހުށަހެޅި ގަރާރު އެމެރިކާއިން ވީޓޯ ކުރި ނަމަވެސް މި ފަހަރު ނިންމީ ވޯޓުގައި ބައިވެރި ނުވުމަށެވެ.

ސަލާމަތީ މަޖިލީހުގެ 14 މެމްބަރުން ތާއީދުކޮށްގެން ފާސްކުރި އެ ގަރާރުގައި، ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލުގެ އެންމެން އެއްވެސް ޝަރުތަކާނުލައި ދޫކޮށްލަން ވެސް ވަނީ ގޮވާލައިފައެވެ.