މާލޭގެ ހަތަރު ތަނެއް ބަލައި ފާސްކޮށް ގަވާއިދާ ހިލާފަށް އުޅޭ 16 ބިދޭސީން އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ރޭ މާލޭގެ ހަތަރު ތަނެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ 16 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި ގަވާއިދާ ހިލާފަށް ހިންގަމުންދާ ތަންތަނާއި ގަވާއިދާ ހިލާފަށް ބިދޭސީން އުޅޭ ތަންތަނަށް ކޮންމެ ދުވަހަކު ވެސް އަންނަނީ ރެއިޑް އޮޕަރޭޝަންތައް ހިންގަމުންނެވެ.
މި އޮޕަރޭޝަންގެ ދަށުން މިހާތަނަށް 100 އަށްވުރެ ގިނަ ބިދޭސީން ވަނީ އަތުލައިގެންފައެވެ.