ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކައިރިވެފައިވަނިކޮށް، ރައްޔިތުންގެ އިހުސާސްތަކާއި ކުޅެ، ޑްރާމާ ކުޅުމުން، އިދިކޮޅު ފަރާތްތައް ވެއްޓިފައިވާ ދަށު ދަރަޖަ ހާމަވާ ކަމަށާއި، އިދިކޮޅުގެ މިސްރާބު ހުރީ ހަމަ މަގަށް ނޫން ކަމަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ހީނާ މިހެން ވިދާޅުވީ އެމްޑީޕީގެ ރައީީސް، އަދި ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ކުރެއްވި ޕޯސްޓަކާއި ގުޅިގެންނެވެ.

ޝާހިދު ވިދާޅުވީ މި ސަރުކާރު އައި ފަހުން ދ.ކުޑަހުވަދޫ އަބްދުލްވާހިދުގެ ދަރިފުޅުގެ ހިތުގެ ބައްޔަށް ބޭނުންވާ ބޭސް ގަތުމަށް ފައިސާ ނުލިބޭ ކަމަށެވެ. އަދި ދާއިމީ ބަލިތަކަށް ބޭނުންވާ ބޭސް، އާސަންދަ މެދުވެރިކޮށް މެދުނުކެނޑި ލިބުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ވެސް ހައްގެއް ކަމަށް އޭނާ ވިދާޅުވިއެވެ.

 

ޝާހިދު ކުރެއްވި ޕޯސްޓު ހިއްސާ ކުރައްވައި، ހީނާ އެކްސްގައި ވިދާޅުވީ، ބިލުތައް ރިފަންޑް ކުރަނީ އާސަންދައިން ނޫން ކަމަށެވެ.

”ދ. ކުޑަހުވަދޫ ޢަބްދުލްހަކީމްގެ ދަރިފުޅަށް ބޭސް ގަތުމަށްފަހު ހުށައަޅާފައިިވާ ބިލަށް އެންމެ ފަހުން ފައިސާ ހަމަޖައްސާފައިވަނީ މި ސަރުކާރުން މިދިޔަ އަހަރުގެ ޑިސެމްބަރުމަހު. ރާއްޖެއިން ނުލިބޭ ބޭސް ގަތުމަށްފަހު އެ އޮންނަ އުސޫލުގެ ތެރެއިން ބިލް ހުށައެޅުމުން ކޮންމެ ރައްޔިތަކަށްވެސް އެންސްޕާއިން އެފައިސާ ރިފަންޑްކޮށްދޭނެ. އަދި އެއީ ވަކި ސަރުކާރެއް އޮވެގެން ނުވަތަ ނެތިގެން ވާ ކަމެއް ނޫން.“ ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ވެސް އަބްދުލްވާހިދުގެ ދަރިފުޅުގެ ބޭސްގަތުމަށް އެންސްޕާއިން ދޭންޖެހޭ އެހީ ލިބޭނެ ކަމަށާއި،  މި ސަރުކާރުން މިހާތަނަށް އެތައް ފަރާތަކަށް މިގޮތަށް ރިފަންޑް ކޮށްދީފައިވާނެ ކަމަށެވެ.

”ގައުމުގެ ބޮޑެތި މަގާމުތައް އަދާކުރައްވާ “ދުނިޔޭގެރައީސް”ކަން ކުރައްވާފައިވާ ބޭފުޅަކު ރައްޔިތުން ގާތަށްގޮސް އެބޭފުޅުންގެ އިހުސާސްތަކާކުޅެ، މަޖިލިސް އިންތިހާބާ ދިމާކޮށް ޑްރާމާކުޅުމުން ތިބޭފުޅުން ވެއްޓިފައިވާ ދަށު ދަރަޖަ ވަރަށް ބޮޑަށް ސާފުވެއްޖެ.“

ހީނާ އިތުރަށް ވިދާޅުވީ، މިދިޔަ ސަރުކާރުގައި ބައި އިލެކްޝަންތަކާއި ދިމާކޮށް، އާސަންދަ އާއި އެންސްޕާގެ މޭޒު އެ ދާއިރާތަކުގައި ބަހައްޓައިގެން އޭރުގެ ސަރުކާރުގެ އިސް މީހުން ބޭނުންވާ ބަޔަކަށް އުސޫލާ ހިލާފަށް ކަންކަން ކޮށްދިންކަން ވަރަށް ސާފު ކަމަށެވެ.

”ތިބޭފުޅުންގެ މިސްރާބު ހުރީ ހަމަ މަގަކަށްނޫން. އަނދަވަޅަކަށް.“

މަޖިލިސް އިންތިހާބުގެ ކެމްޕެއިން ފޯރީގައި ކުރިއަށްދާއިރު، އިދިކޮޅު ފަރާާތްތަކުން ސަރުކާރާއި ގުޅޭގޮތުން އެއްވެސް ހަގީގަތެއް ނެތް ވާހަކަތައް ފަތުރަމުންދާ ކަމަށް ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވެއެވެ. މިގޮތުން މި ސަރުކާރުގެ އެންމެ ބޮޑެތި، އަދި މުހިންމު ވައުދުތައް ފުއްދާފާނެ ކަމާއިމެދު އިދިކޮޅު ފަރާާތްތަކުން ޝައްކު އުފައްދަމުން އަންނައިރު، ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ފޮނުވާލުމުގެ އަމަލީ މަސައްކަތް ފަށައިގެން ދަނީ ކުރިއަށެވެ. ސަރުކާރުން ބުނަނީ މެއި މަހުގެ 10 ވަނަ ދުވަހާ ހަމައަށް ހުރިހާ ސިފައިން ފޮނުވާލައި ނިންމާލެވޭނެ ކަމަށެވެ.