ފަލަސްތީނުގެ ޣައްޒާއަށް ޔަހޫދީން ހަމަލާތައް ދެމުން އަންނަތާ 6 ‏މަސް ވާން ކައިރިވީއިރު، ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތީގެ އެހީ ލިބުމަށް އިޒްރޭލުން ވަނީ ހުރަސް އަޅާފައެވެ.

Ads by Asuru

އެހީގެ ތަކެތި މަތިންދާބޯޓުތަކުން ޕެރެޝޫޓުގައި ދޫކުރަމުން އަންނައިރު، މި ފޮށިގަނޑުތައް ނެގުމުގެ ތެރޭގައި ޣައްޒާގެ އެތައް ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބި، ބައެއް މީހުން މިކަމުގެ ތެރޭގައި ޝަހީދުވެސް ވެއެވެ.

އަނެއްކާ ވެސް މިފަދަ ހިތާމަވެރި ހާދިސާއެއް ވަނީ ހިނގާފައެވެ. ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނީ، މަތިންދާ ބޯޓުން ވައްޓާލި އެހީގެ ފޮށިތަކެއް، ވައިކުޑައަށް ދިމާވި މައްސަލައަކާ ގުޅިގެން މޫދަށް ވެއްޓުމުން، މޫދުން އެ ފޮށިތައް ނަގަން އުޅުނު 12 މީހަކު ގެނބިގެން މަރުވެފައިވާ ކަމަށެވެ. މިއީ ޣައްޒާގެ ގޮނޑުދޮށަށް ދޫކޮށްލި އެހީގެ ފޮށިތަކެކެވެ.

ރޮއިޓަރސް އިން ބުނީ، ވައިގެ މަގުން ވައްޓާލި، 18 އެހީގެ ފޮށިތަކުގެ ތެރެއިން، 3 ފޮއްޓެއް ވައިކުޑައަށް މައްސަލަ ޖެހި މޫދަށް ދޫވެގެންދިޔަ ކަމަށެވެ. މި އެހީތައް ދީފައިވަނީ އިޒްރޭލަށް މަދަދުދޭ އެމެރިކާއިންނެވެ.

ފަލަސްތީނުގެ ރައްޔިތުން އިންތިހާއަށް އެހީ ބޭނުންވެފައި ތިބި މި ދަނޑިވަޅުގައި، އެއްގަމު މަގުން އެހީ ނުވެ، ވައިގެ ތެރެއިން އެގޮތަށް ފޮށިގަނޑުތައް ދޫކޮށްލުމަކީ ޖެއްސުމަށް ކުރާ ކަމެއްގެ ގޮތުގައި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ މީހުން ސިފަކުރެއެވެ.