ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ނަސާރާ ދީން ފަތުރަން މަސައްކަތް ކުރި ދެ އަންހެނަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.
ދެ އަންހެނަކު ވަނީ ހިޔާ ފްލެޓްތަކުގެ މެއިލް ބޮކްސްތަކަށް ބައިބްލް އާއި ޖީސަސްގެ ދިވެހި ބަހަށް ތަރުޖަމާ ކޮށްފައިވާ ފިލްމުގެ ލިންކާއި، ކްރިސްޓިއަން ދީނާ ގުޅޭ ވެބްސައިޓުތަކެއްގެ ބިޒްނަސް ކާޑު އަޅާފައެވެ.
މިކަން ކުރީ، ޖަރުމަނުގެ ދެ އަންހެނަކު ކަމަށް ފުލުހުން ހާމަކުރެއެވެ.
ފުލުހުން މިއަދު ބުނީ، ހިޔާގެ މެއިލް ބޮކްސްތަކަށް ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާ ހިލާފު، ލިޔުންތަކެއް އެޅި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ ދެމީހުން ރާއްޖެ އައިސްފައިވަނީ ޓޫރިސްޓް ވިސާގައެވެ. މި މައްސަލައާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން ކަމަށް ވެސް ބުންޏެވެ.