އިޒްރޭލުން ގާޒާގެ ދެކުނަށްދޭ ބޮމުގަ ހަމަލާތައް އިތުރުވެއްޖެއެވެ.

Ads by Asuru

ގާޒާގެ ދެކުނުގެ ސަރަހައްދަށް އިޒްރޭލުގެ ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދީފައި މިވަނީ އިޒްރޭލުން ގާޒާއާ ދެކޮޅަށް ކުރާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ބައިނަލްއަގުވާމީ ޕްރެޝަރުތައް ކުރިމަތިވެފައި ވަނިކޮށެވެ.

މި ހަފްތާގެ ހޯމަ ދުވަހު އދ. ގެ ސަލާމަތީ މަޖިލީހުން ވަނީ އިޒްރޭލުން ގާޒާގައި ހިންގަމުން އަންނަ ހަނގުރާ ވަގުތުން ހުއްޓާލުމަށް ގަރާރެއް ފާސްކޮށްފައެވެ.

އިޒްރޭލުން ދެމުން އަންނަ ހަމަލާތަކާއި ގުޅިގެން ގާޒާއަށް އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެފައިވާއިރު، ކާބޯތަކެތީގެ ޕެކޭޖްތަކަށް ހޯދުމަށް އުޅުމުގެ ތެރޭގައި ގެނބިގެން 18 މީހަކު މަރުވެފައިވާ ކަމަށް ހަމާސް ޖަމާއަތުން ވަނީ ބުނެފައެވެ. ވައިގެ މަގުން އެހީ ނުފޮނުވުމަށް އެ ޖަމާއަތުން އެދުނު ނަމަވެސް އެމެރިކާއިން ވަނީ އެހީ ފޮނުވަމުން ގެންދާނެ ކަމަށް ބުނެފައެވެ.

އިޒްރޭލުން ގާޒާގައި މިހާރު ހަމަލާ ނުދީ އޮތް ހަމައެކަނި ސަރަހައްދު ކަމަށްވާ ރަފާހަށް އިޒްރޭލުން މިހާރު އަންނަނީ ހަމަލާތައް އަމާޒުކުރަމުންނެވެ. އެ ސަރަހައްދުގައި ގާތްގަނޑަކަށް 1.5 މިލިއަން މީހުން ތޮއްޖެހިފައިވާއިރު، ހަމަލާތަކާ ގުޅިގެން ގިނަ ބަޔަކު އަންނަނީ މިސްރުގެ ބޯޑަރު ކައިރިއަށް ހިޖުރަކުރަމުންނެވެ.

ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަގްވާމީ ކޯޓުގައިވެސް މައްސަލަ ބަލަމުން އަންނަ މި ދަނޑިވަޅުގައި އިޒްރޭލުން އަންނަނީ ގާޒާގެ އަލް-ޝިޕާ ހޮސްޕިޓަލަށްވެސް ވަރުގަދަ ހަމަލާތައް ދެމުންނެވެ.

ގާޒާގެ ހެލްތު މިނިސްޓްރީން މިއަދު ހެނދުނު ބުނީ ރަފާހު އާއި ގާޒާ ވަށައިގެންވާ ސަރަހައްދުތަކުގައި އިޒްރޭލުން ދިން ވައިގެ ހަމަލާތަކުގައި ތިން މީހުން ޝަހީދުވެފައިވާ ކަމަށާއި ރޭ ދިން ހަމަލާތަކުގައި 66 މީހުން ޝަހީދުވެފައިވާ ކަމަށެވެ.

ހާން ޔުނިސްގެ ދެ ހޮސްޕިޓަލެއް ވެސް އިޒްރޭލު ސިފައިން ވަށާލާފައިވާއިރު، ގެދޮރު ގެއްލިފައިވާ މީހުންގެ ކޭމްޕަކަށް އިޒްރޭލުން ދިން ހަމަލާއެއްގައި ބައެއް ކުޑަކުދިންނާއެކު 12 މީހުން ޝަހީދުވެފައިވާ ކަމަށް ގާޒާގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ހާން ޔުނިސްގެ ނާސިރު ހޮސްޕިޓަލުގައި އެތައް ހާސް ބަޔަކު ތާށިވެފައިވާ ކަމަށާއި އެމީހުންގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށް ފަލަސްތީނުގެ ރެޑް ކްރެސެންޓުން ވަނީ އިންޒާރު ދީފައެވެ.

ގާޒާގެ ހެލްތު މިނިސްޓްރީން ބުނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގާޒާގައި ހިންގަމުންދާ ޖަރީމާތަކުގައި މިހާތަނަށް ފަލަސްތީނުގެ 32,490 މީހުން ޝަހީދުވެ 74,889 މީހުން ޒަހަމްވެފައިވާ ކަމަށެވެ.