އިންޑިއާގެ މަޝްހޫރު ”ބިސްލެރީ“ ބްރޭންޑްގެ ފެނުގެ ބައެއް ސާމްޕަލްތަކުން ކެމިކަލްއެއް ފެނި، އެ ފެން އުފައްދާ ކުންފުންޏާ ދެކޮޅަށް ދައުވާ އުފުލުމަށް އެ ގައުމުގެ ފުޑް ސޭފްޓީ އެންޑް ސްޓޭންޑަޑް އޮތޯރިޓީ އޮފް އިންޑިއާ (އެފްއެސްއެސްއޭއައި) އިން ތައްޔާރުވެއްޖެއެވެ.
އިންޑިއާގެ ފުޑް ސޭފްޓީ ރެގިއުލޭޓަރުން ކުރި ލެބޯޓްރީ ތަހުލީލަކުން ބިސްލެރީ އިންޓަރނޭޝަނަލްގެ ފެނުން ”ބްރޮމޭޓް“ ކިޔާ މާއްދާއެއް ހުއްދަ ދީފައިވާ މިންވަރަށްވުރެ އިތުރަށް ހުރިިކަން ވަނީ ފާހަގަވެފައެވެ.
އަދި އިތުރު ތަހުލީލެއްގައި، ”ޕޮލިނިއުކްލިއަރ އެރޮމެޓިކް ހައިޑްރޯކާބަންސް (ޕީއޭއެޗް)“ ކިޔާ ކެމިކަލްއެއް ވެސް ފެނިފައިވެއެވެ. މި ދެ ކެމިކަލް އަކީ ވެސް ކެންސަރަށް މަގުފަހި ކުރުވާ ބާވަތްތަކެވެ.
މިކަމާ ގުޅިގެން ފުޑް ސޭފްޓީ އެންޑް ސްޓޭންޑަޑް އޮތޯރިޓީ އޮފް އިންޑިއާ (އެފްއެސްއެސްއޭއައި) އިން ވަނީ، އެ ގައުމުގެ އެކި ކަންކޮޅުތަކުން ބިސްލެރީގެ އިތުރު ސާމްޕަލްތަކާއި، އެހެން ކުންފުނިތަކުގެ ފެން ވެސް ޓެސްޓު ކުރަން ނިންމައިފައި ކަމަށް އިންޑިއާ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ ބޭރުގެ ނޫސްތަކުން ބުނެފައިވެއެވެ.
ބިސްލެރީ އިން ބުނީ، އެ ކުންފުނިން ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހާއްސަ ސަމާލުކަމެއް ދެމުން އަންނަ ކަމަށާއި، މިކަން ބެލުމުގައި ރެގިއުލޭޓަރުންނަށް އެއްބާރުލުން ދޭނެ ކަމަށެވެ. އަދި އެ ކުންފުނީގެ ފެން ރައްކާތެރިވާނެ ކަމުގެ ޔަގީންކަން ކަސްޓަމަރުންނަށް އަރުވާ ކަމަށް ވެސް ބުނެފައިވެއެވެ.
ބިސްލެރީގެ 130 ފެން އުފައްދާ ޕްލާންޓާއި، 5،980 ޑިސްޓްރިބިއުޓަރުން އިންޑިއާގައި ހަރަކާތްތެރިވަމުން ދެއެވެ. ބޮލީވުޑްގެ އެކްޓަރުން ކަމުގައިވާ ދިޕިކާ ޕަޑުކޯން އާއި ޝާހިދު ކަޕޫރަކީ ބިސްލެރީގެ ބްރޭންޑް އެމްބެސެޑަރުންނެވެ.





