ރޯދަމަހުގެ ފަހު ދިހައިގައި ކޮންމެހެން ވެސް ވަޒީފާއަށް ނުކުންނަޖެހޭ ސަރުކާރު މުވައްޒަފުންނަށް ހާއްސަ އެލަވަންސެއް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

Ads by Asuru
މިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ރޭ ނެރުނު ސާކިއުލާއެއްގައި ބުނީ އެ އެލަވަންސް ދޭންވާނީ ދައުލަތުގެ އިދާރާތަކުގައި ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދިނުމަށްޓަކައި އެ އިދާރާއަކުން ކަނޑައަޅާ ގޮތެއްގެ މަތީން އެ އިދާރާއިން މަސައްކަތައް ނުކުނަން ޖެހޭނެ ކަަމަށް ކަނޑައަޅާ މުވައްޒަފުންނަށް އެކަނި ކަމަށެވެ.

ފަހު ދިހައިގައި ކޮންމެހެން ވަޒީފާއަށް ނުކުންނަންޖެހޭ މުވައްޒަފުންނަށް އެލަވަންސް ދޭނެ ގޮތް ފިނޭންސް މިނިސްޓްރީން ވަނީ ކަނޑައަޅައިފައެވެ.

އެގޮތުން ރޯދަމަހުގެ ފަހު 10 ގައި ކޮންމެހެން ވަޒީފާއަށް ނުކުންނަންޖެހޭ މުވައްޒަފަންގެ ތެރެއިން ދައުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލުނުވާ މުވައްޒަފުންނަށް ކުރިން ވެސް ދެމުން ގެންދާ އުސޫލުން އިތުރުގަޑީގެ ފައިސާ، ބަންދު ދުވަހުގެ އިނާޔަތް ދެމުންގެންދަންވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެގޮތަށް އެލަވަންސް ދިނުމުގައި މުސާރައިން ދުވާލަކަށްޖަހޭ މިންވަރުގެ ދެބައިކުޅަ އެއްބައިގެ އެލަވަންސް ދޭނީ ޑިއުޓީ އުސޫލުން އާންމުކޮށް މަސައްކަތްކުރާ މުވައްޒަފުންނަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

ދައުލަތުގެ ޕޭ ފްރޭމްވޯކް ބަދަލުވެފައިވާ މުވައްޒަފުންނަށް ރޯދަމަހުގެ ފަހު 10 ދުވަހަކީ ރަސްމީ ބަންދު ދުވަސްތަށް ކަމަށް ބަލައިގެން، ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން ލިބޭނެ ކަމަށް ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ މުސާރައިން ދުވާލަކަށް ޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އިނާޔަތެއް ދޭންވާނެ ކަމަށް  ވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.