ގަދަ ބާރު ދައްކައިގެން، ނުވަތަ ޑިޕްލޮމެސީގެ އެއްވެސް ހަމައެއް ނެތި، އިންޑިއާ ސިފައިން ބާލަން އުޅުނު ނަމަ، އެކަން ކާމިޔާބު ނުވީސް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ސަންގު ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ވިދާޅުވީ އިންޑިއާ ސިފައިން ފޮނުވާލުމަކީ ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމެއް ކަމަށެވެ.

”މިތަނުގައި ތިބި އިންޑިއާ ސިފައިން، ބަހާލައިގެން، ތާވަލެއްގެ ތެރެއިން، އެއްބަސްވެގެން، އެ ދަނީ ހަމަ ފައިބަމުން. އެކަން އެބަ ކާމިޔާބުވޭ، އެ އޮތީ ފެންނާން އެކަން.“ ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ބޭނުންކުރާ އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިއާ އޮތްއިރު، އެ އުޅަނދުތައް އޮޕަރޭޓު ކުރަން މަދަނީ މީހުން ގެނައީ، އޮޅުވާލައިގެން ކަމަށާއި އެއީ ސިފައިން ކަމަށް ބުނެ ފަތުރަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށެވެ.

ތިން ޕްލެޓްފޯމް އޮޕަރޭޓު ކުރަން މަދަނީން ގެނައީ، އިންޑިއާ ސިފައިން ފޮނުވާލަން މިވަގުތު އޮތް އެންމެ ފަސޭހަ މަގަށް އެކަން ވާތީ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

”އެންމެ އައިޑިއަލީ އަޅުގަނޑު ވެސް ބޭނުންވަނީ ދިވެހިން ތިބެން، އެ ތިން ޕްލެޓްފޯމް ދުއްވަން ވެސް، އެހެންނަމަވެސް، އެކަމަށް ހަމަ ވަގުތު ނަގާނެ، ޓްރެއިންކޮށް ހަދަން ވިޔަސް.“

ރައީސް ވިދާޅުވީ އެ ތިން ޕްލެޓްފޯމް، އިންޑިއާގެ މަދަނީން އޮޕަރޭޓް ކުރާ ގޮތަށް ހަމަޖެއްސީ ވަގުތީ ހައްލެއްގެ ގޮތުން ކަމަށެވެ. އަދި ތިން އުޅަނދު ތެރެއިން އެއް އުޅަނދު އޮޕަރޭޓު ކުރާނެ މުއްދަތެއް ވެސް ކަނޑައެޅިފައި ނުވާއިރު، މިހާރު އެކަމަށް މުއްދަތު ކަނޑައެޅިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވަނީ މި މަސައްކަތުގެ ތެރެއިން ވެސް ދިވެހީންގެ އަމިއްލަ ގާބިލުކަން އިތުރުކޮށް، އަމިއްލައަށް ވައިގެ މަގުން ބަލި މީހުން އުފުލަން ފަށާފައިވާއިރު، ކަނޑުގެ ސަރަހައްދު ވެސް ބަލަހައްޓަން ފަށާފައިވާކަން ފާހަގަކުރައްވާފައެވެ.