އުމްރާގެ އަޅުކަން އަދާ ކުރަން ދާއިރު، ރަސްމީ ހުއްދަ އޮތް ޖަމާއަތަކުންތޯ ބެލުމަަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިލްތިމާސް ކުރައްވައިފިއެވެ.

Ads by Asuru

މިނިސްޓަރު ޝަހީމް މިކަމަށް އިލްތިމާސް ކުރައްވާފައި މިވަނީ މިއަހަރު ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔަ ގްރޫޕަކުން އެއަރލައިންތަކަށް ޓިކެޓްގެ ލާރި ނުދައްކާ އޮތް މައްސަލައެއް ފެންމަތި ވުމުންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ، އަމިއްލަ ޖަމާއަތްތަކުގެ ހަވާލުގައި އުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކުން އެ ވަޑައިގަންނަވާ ޖަމާއަތްތަކަކީ އުމްރާއަށް މީހުން ގެންދިއުމުގެ ރަސްމީ ހުއްދަ އޮތް ޖަމާޢަތްތަކެއްތޯ ކަށަވަރު ކުރުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

ޝަހީމް ވިދާޅުވީ އުމްރާ އަށް މީހުން ގެންދިއުމުގެ ރަސްމީ ހުއްދަ ދީފައިވާ ޖަމާއަތްތައް އެ މިނިސްޓްރީގެ ވެބްސައިޓުން ފެންނާނެ ކަމަށެވެ.

އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި ވެސް އޮންނާނެކަމަށް ވިދާޅުވިއެވެ.