ދިވެހި ފުލުހުންގެ 91 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ފުލުހުންގެ މަރުކަޒުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު މާލެ އާއި ރާއްޖޭގެ އެކި ރަށްރަށުގައި ބާއްވައިފިއެވެ.

Ads by Asuru

އެގޮތުން މާލޭގައި ބޭއްވި ދިދި ނެގުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރޭ ފުލުހުންގެ މައި މަރުކަޒު ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ކުރިމަތީގައެވެ. ދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ ގެ ވަޒީރު އިހުސާން އަލީ އެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރްހާދު ފިކުރީ އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި ފުލުހުންގެ އެކްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުން އަދި ގިނަ އަދަދެއްގެ ފުލުހުންނާއި އާންމު މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

ކީރިތި ޤުރުއާނުގެ ބަރަކާތުން ފެށިގެންދިޔަ މި ރަސްމިއްޔާތުގައި ދިދަ ނެގުމަށްފަހު، ފުލުހުންގެ ޢަޒުމް ކިޔުމާއި ދުވަހާ ގުޅިގެން ހާއްސަ ދުޢާއެއް ކޮށްފައިވެއެވެ.

ފުލުހުންގެ ޢަޒުމް އިސްވެ ވިދާޅުވެދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މޫސާ ޢަލީއެވެ. ދުޢާ އިސްވެ ވިދާޅުވެދެއްވީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ނަސީރުއެވެ.