އެމްޑީޕީއަށް ވެރިކަން ދީ، މަޖިލީހުގެ ސުޕަރ މެޖޯރިޓީ ދިނުމުގެ ނަތީޖާއަކަށްވީ، ރައްޔިތުން އެމީހުންނާއި ހަވާލު ކުރި ޒިންމާގެ މަތިން ހަނދާން ނެތުން ކަމަށް ހެލްތު މިނިސްޓަރު ޑރ.އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.

Ads by Asuru

ޕީޕީއެމް/ޕީއެންސީގެ ފަރާތުން މާފަންނު ހުޅަނގު ދާއިރާއަށް ވާދަ ކުރައްވަވާ ކެންޑިޑޭޓް، މުހައްމަދު މުސްތަފާ އިބްރާހީމްގެ ޖަގަހަ ހުޅުވަން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހަލީލް ވިދާޅުވީ، ރައްޔިތުން ހަވާލު ކުރި ޒިންމާ، އެމްޑީޕީން ހަނދާން ނެތުމުގެ ނަތީޖާއަކަށްވީ ބޭރުގެ ނުފޫޒު ރާއްޖޭގެ މައްޗަށް ގަދަވުން ކަމަށެވެ.

”އެ ސަރުކާރު ނިމިގެންދިޔައިރު އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، ވަރަށް ބޮޑެތި ދަރަނިތަކެއް އަޅުގަނޑުމެންގެ ބޮލުގައި އަޅުވާފައި އޮތްތަން. 120 ބިލިއަން ރުފިޔާގެ ދަރަނި، ތިއިން ކޮންމެ ރައްޔިތެއްގެ ބޮލުގައި އަޅުވާފައި، އެ ސަރުކާރުން ފައިބައިގެން ދިޔައީ.“ މިނިސްޓަރު ވިދާޅުވިއެވެ.

ހަލީލު ވިދާޅުވީ، މިފަދަ ހާލެއް ގައުމަށް ޖެއްސުމަށްފަހުގައި ވެސް، އެމްޑީޕީން އަނެއްކާ ވެސް ނުކުމެ ދައްކަމުންދަނީ، އެ ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ ދޭ ވާހަކަ ކަމަށާއި، ނަމަވެސް މަޖިލީހުގައި ތިބެންޖެހޭނީ ދިވެހީންގެ ބަސް ވިއްކާނެ ބަޔަކު ކަމަށެވެ.

”މި ގައުމުގެ ޖާހާއި، މި ގައުމުގެ ކުރިއެރުމަށް މަސައްކަތް ކުރާނެ ބަޔަކު. ގައުމުގެ ގަދަރު، އެތެރެއާއި ބޭރުގައި އުފުލާނެ ބަޔަކު ނޫނިއް‏‏ޔާ އަޅުގަނޑުމެން މަޖިލީހަށް އިންތިހާބުކޮށްގެން ނުވާނެ.“ ހަލީލު ވިދާޅުވިއެވެ.

ހަލީލު އިތުރަށް ވިދާޅުވީ، ރާއްޖޭގެ މަޖިލީހަށް ހޮވަން ޖެހޭނީ ދިވެހީން ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެންމެ އިސްކަން ދެއްވާ ސިޔާސަތަކީ އެންމެ ފުރަތަމަ ދިވެހީން ކަމަށެވެ.