ޗައިނާގެ ޝަންގް ޑޮންގް ޕްރޮވިންސްއިން ރާއްޖެއަށް މުނިސިޕަލް މަސައްކަތަށް 10 ޕިކަޕް ހަދިޔާކޮށްފިއެވެ.

Ads by Asuru

މިއީ ރައިސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ކުރެވުނު މަޝްވަރާތަކުގެ ތެރެއިން ހަމަޖެހިގެން ދިޔަ އެހީއެއް ކަމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް، އެންޑް ޕަބްލިކް ވޯކްސްއިން ބުނެއެވެ.

މި ޕިކަޕްތަކާއި ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެލެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް، އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރުއެވެ.

ޗައިނާގެ ފަރާތުން ޕިކަޕްތައް ހަދިޔާ ކުރުމުގެ ލެޓަރ އޮފް އެކްސްޗޭންޖްގައި ސޮއިކުރެއްވީ ދިވެހިރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަންގ ލިޒިންއެވެ.

ޗައިނާގެ ފަރާތުން މި ހަދިޔާ ކުރި ޕިކަޕްތަކާއި ގުޅޭގޮތުން މިނިސްޓްރީން ބުނީ މި ޕިކަޕްތައް ބޭނުން ކުރާނީ އެ މިނިސްޓްރީގެ ދަށުން ރާއްޖޭގެ 7 ސަރަޙައްދުގައި މިވަގުތު ހިންގަމުންދާ ޕަބްލިކް ވޯކް ޔުނިޓްތަކުގައި ކަމަށެވެ.

އަދި ޕިކަޕްތައް އެ ޔުނިޓްތަކާއި ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށް ހުރި ދުވަސްތަކުގެ ތެރޭގައި ކުރިއަށް ގެންދާނެކަން ވަނީ ހާމަކޮށްފައެވެ.