އައްޑޫ ހުޅުދޫއާއި ހިތަދޫ ގުޅުވައިދިނުމަށް އަޅާ އައްޑޫ ބުރިޖުގެ ފީސިބިލިޓީ ހެދުމަށް ބޭނުންވާ ދިރާސާގެ މަސައްކަތްތައް ނިމިފައިވާކަމަށާއި، މި އަހަރު ތެރޭގައި ބުރިޖު މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ޓިކެޓުގައި އައްޑޫ ހުޅުދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު މުހައްމަދު ޝާހިދުގެ ކެމްޕެއިން ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެންމެ ފަހުން އެމަނިކުފާނު ހުޅުދޫއަށް ވަޑައިގެންނެވި ދަތުރުފުޅުގައި ބުރިޖުގެ މަސައްކަތުގެ ފީސިބިލިޓީ މަސައްކަތް ފެށިފައިވާ ކަމަށެވެ.

އަދި މިހާރު އެ މަސައްކަތް ނިމިފައިވާކަން ފާހަގަކުރައްވައި، މިހާރު ކުރިއަށްދަނީ އެ ސާވޭގެ މައްޗަށް ހިސާބުތައް ހެދުންފަދަ ފަންނީ މަސައްކަތްތައް ކަމަށް ވިދާޅުވިއެވެ.

”އެކަން ނިންމާފައި އަޅުގަނޑުމެން ދާނީ އަމަލީ މަސައްކަތްކުރުމުގެ މަރުހަލާއަށް. އަަޅުގަނޑު ވައުދުވި ގޮތަށް 2024، މިއަހަރު ނިމުމުގެ ކުރިން އެބުރިޖުގެ މަސައްކަތް ފަށާނަން،“

އެ ބްރިޖާ ގުޅުވައިގެން އިދިކޮޅުން ދައްކަމުންދާ ވާހަކަތަކަކީ ހުޅުމާލެއާއި މާލޭގެ މެދުގައި އެމަނިކުފާނުގެ ހައުސިން މިނިސްޓަރުކަމުގައި އަޅާފައިވާ ސިނަމާލެ ބުރިޖާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ދެއްކި ޒާތުގެ ވާހަކަތަކެއް ކަމަށް ވިދާޅުވެ، އައްޑޫ ބްރިޖު މަޝްރޫއުއާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައީސް ވަނީ ރައްދު ދެއްވާފައެވެ.

އައްޑޫގެ ހުޅުދޫއާއި ހިތަދޫ ގުޅުވާލައި ބްރިޖެއް އެޅުމަކީ ރައީީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.