ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރަން ފަށައިފިއެވެ.

Ads by Asuru

ދާއިމީ ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުންނަށް ސޮއި ކުރައްވަން ދެނީ ދެ ދުވަހެވެ.

އެގޮތުން ހެނދުނު 10:00 އިން މިރޭ 12އިގެ ނިޔަލަށް ސޮއިކުރުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ކެންޑިޑޭޓުން ސޮއި ކުރަމުންދަނީ އިލެކްޝަން ކޮމިޝަނުގެ އިންތިހާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) ގައެވެ.

ކެންޑިޑޭޓޫންގެ ބަދަލުގައި ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކަށް ވެސް މި ލިސްޓުގައި ސޮއިކުރެވޭނެ އީސީން ބުނެއެވެ.

ކެންޑިޑޭޓުގެ ބަދަލުގައި ކެންޑިޑޭޓު ކަނޑައަޅާ ފަރާތްތަކުން ސޮއިކުރަން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހިމެނޭގޮތަށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއާއެކު ކެންޑިޑޭޓުގެ އައިޑީކާޑުގެ ކޮޕީއެއް ގެންނަން ޖެހޭނެއެވެ.

ފައިނަލް ވޯޓަރސް ލިސްޓް އާއްމުކުރީ މިމަހުގެ 25 ވަނަ ދުވަހުއެވެ.

މިފަހަރުގެ މަޖިލީހުގެ ޖުމްލަ 284،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.