ތިމާވެށި ހިމާޔަތް ކުރުމަކީ އެންމެ ޅަފަތުން ފެށިގެން، ކޮންމެ ކުއްޖެއްގެ ކިބައިގައިވެސް ހުރުން މުހިންމު ސިފައެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ މިއަދު ހެނދުނު އަމީނިއްޔާ ސްކޫލުގައި ބޭއްވި ޚާއްޞަ އެސެމްބްލީ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި ދުނިޔޭގެ މިހާރުގެ ޙާލަތަށް ބަލާއިރު، ކިޔަވާކުދިން ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ވަރަށް މުހިންމު ދެ ދާއިރާއެއް ފާހަގަކުރެއްވިއެވެ.

އެގޮތުން އެއްކަމަކަށް، ތިމާވެށި ހިމާޔަތްކުރުމަކީ އެންމެ ޅަފަތުން ފެށިގެން ވެސް ކޮންމެ ކުއްޖެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސިފައެއްކަމުގައި ރައީސް ވިދާޅުވިއެވެ. ދެވަނަ ކަމަކަށް އިޤްތިޞާދު ކުރުމަކީ، އެންމެ ކުޑައިރުން ފެށިގެން ކޮންމެ ކުއްޖެއްގެ ކިބައިގައި ހަރުލައްވަންޖެހޭ ވަރަށް މުހިންމު އާދައެއްކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގެ ތަޢުލީމީ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމުގެ ގޮތުން ސަރުކާރުން މަގުތައް ކޮށައިދެނީ ހަމައެކަނި ދަރިވަރުންނަށް ނޫންކަން ފާހަގަކުރައްވައި، ޓީޗަރުންނަށް ރަނގަޅު ގޮތްތައް ހޯދައިދެއްވުމާއެކު، ސްކޫލްތަކުގެ ޢުމްރާނީ ތަރައްޤީއަށް ވެސް ގިނަ ކަންތައްތަކެއް ކުރަމުންގެންދާކަން ފާހަގަކުރެއްވިއެވެ.

އަދި ޓީޗަރުންނާއި މުދައްރިސުންގެ ޢިލްމީ ޤާބިލުކަން އިތުރުކޮށް، ޓީޗަރުންގެ ފެންވަރު މަތިކުރުމަށް ވެސް މުހިންމު މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުންގެންދަވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އަދި ސަރުކާރުން ކުރައްވާ މި މަސައްކަތްތަކާއެކު ކިޔަވައިދިނުމުގެ ދާއިރާއާ މެދު ޝައުޤުވެރިކަން އިތުރުވެ، ފެންވަރު ރަނގަޅު ޓީޗަރުން ލިބުން ފަސޭހަވެގެންދާނެކަމަށާއި މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން ދިވެހި ދަރިންނަށް ދޭ ތަޢުލީމުގެ ފެންވަރު މަތިވެ، ޢިލްމީ ގޮތުން ކުރިއަރާފައިވާ ޒުވާން ޖީލެއް އުފެއްދުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތް ކާމިޔާބުވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.