ޢީދާއި ގުޅިގެން ރަށްތަށް ޒީނަތްތެރިކުރުމުގެ މަސައްކަތުގެދަށުން ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅު ކައުންސިލް ޤާއިމުވެފައިވާ ހުރިހާ ރަށްތަށް ޒީނަތްތެރިކުރައްވާނެކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް، އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

Ads by Asuru

މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި އަހަރުގެ ފިތުރު އީދުގައި ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅު ކައުންސިލް އިދާރާ ގާއިމުވެފައިވާ ހުރިހާ ރަށެއް އީދަށް ޒީނަތްތެރިކުރެވޭނެ ކަމަށެވެ. އަދި އިސްލާމީވަންތަކަށް ދައްކައިދޭ ލައިޓްތަކާއި ތަކުބީރުތަކުގެ އަޑު އެ ރަށްތަކަށް ދިރުން ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ލައިޓްތައް ހަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވިދާޅުވެ އެ މަސައްކަތްތަކުގެ ފޮޓޯތަކެއް ވެސް މިނިސްޓަރު ވަނީ ހިއްސާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ކުލަގަދަކޮށް އީދު ފާހަގަކުރައްވާނެ ކަމަށް ވިދާޅުވެ، 50،100،000 ރުފިޔާ އީދު ފާހަގަކުރުމަށް ބަޖެޓްގައި ހިމަނުއްވާފައެވެ.

ރައީސް މުއިއްޒު މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވިއިރު، މާލޭގެ މަގުތައް އީދާ ދިމާކޮށް ވަރަށް ބޮޑަށް ޒީނަތްތެރި ކުރިއެވެ.

ހިޖުރީ ކަލަންޑަރުގައިވާ ގޮތުން، އީދު ދުވަސް ދިމާވަނީ އަންނަ ހަފްތާގެ ބުދަ ދުވަހާއެވެ.

 

 

 

.