ފ.މަގޫދޫގައި އަޅަން ފެށި އެއާޕޯޓުގެ މަސައްކަތް ހުއްޓާލާފައިވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅަށްޓަކައި ނޫން ކަމަށާއި އެކަން ހުއްޓާލީ ރައްޔިތުންނަށްޓަކައި ކަމަށް ޕީޕީއެމް/ޕީއެންސީގެ މަޖިލީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.

Ads by Asuru

މި މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަމުންދާ ތައްޔާރީތަކާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި ހީނާ ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ.

އޭނާ ވިދާޅުވީ ކޮއްކޯފުޅު ވާދަކުރައްވާތީ، ވަކި މަޝްރޫއުއެއް ހުއްޓާލަން ރައީސް ނުނިންމަވާނެ ކަމަށެވެ.

ސަރުކާރުގެ ނިންމުންތައް ނިންމާނީ ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް ކަމަށް ހީނާ ވިދާޅުވިއެވެ.

“ރައީސްގެ ކޮއްކޮފުޅު އިންތާބުގައި ވާދަކުރާތީ ވަކި ރައީސް މުއިއްޒު އެކަހަލަ ކަންކަމެއް ނުނިންމަވާނެ، ކަންކަން ނިންމަނީ ރައްޔިތުންނަށް މަންފާ ލިބޭނެ ގޮތް ބަލާފައި، އެންމެންވެސް މަޝްވަރާކުރުމަށް ފަހު ފަސޭހަވެގެންދާނެ ގޮތާއި މެދު“ ހީނާ ވިދާޅުވިއެވެ.

މަގޫދޫ އެއާޕޯޓުގެ މައްސަލަ ހުއްޓާލާފައި އޮންނާތީވެ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއްވެސް ވަނީ ހުށަހަޅާފައެވެ. އެ މައްސަލަ ހުށަހެޅުއްވީ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމްއެވެ.

ހަލީމް ހުށަހެޅުއްވި މި މައްސަލައިގައި، ބުނެފައިވަނީ މިއީ ރައީސުލްޖުމްހުރިއްޔާގެ ބާރުތައް ގާނޫނާއި ހިލާފަށް، އަމިއްލަ އާއިލީ އަދި ސިޔާސީ މަންފާއަށް ބޭނުން ކުރުންކަމަށެވެ.

މިއީ މަޖިލިސް އިންތިހާބުގައި ނިލަންދޫ ދާއިރާ އަށް ވާދަކުރައްވާ ރައީސްގެ ކޮއްކޯފުޅު ފާތިމަތު ސައުދާއަށް އެ ގޮނޑި ކާމިޔާބުކޮށްދިނުމަށް ނިންމި ނިންމުމެއް ކަމަށް ތުހުމަތުކޮށް ހުށައެޅި މި މައްސަލައިގައި އިތުރަށް ބުނެފައިވަނީ، އަދި މިއީ، ރައީސްގެ އާއިލީ އަދި ސިޔާސީ ނިންމުމެއް ކަމަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް އެނގޭކަމަށެވެ.