ދިވެހީންނަށް މިނިވަންކަން އޮތުމާއި، ދިވެހީން އަމިއްލަ ފައިމައްޗަށް ތެދުވުމަކީ އިދިކޮޅު އެމްޑީޕީއަށް ވަރަށް ބޮޑަށް އުނދަގޫވާ ކަމެއް ކަމަށް ޕީއެންސީ-ޕީޕީއެމްގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާާބާއި ގުޅޭ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ހީނާ ވަނީ، އުތުރުތިލަފަޅުގައި ފުޑް ސެކިއުރިޓީއާއި ގުޅޭ މަޝްރޫއުއެއް ހިންގަން އުޅޭއިރު، އެކަމާ ޗައިނާގެ އަސްކަރިއްޔާއާއި ގުޅުވައިގެން، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާފައެވެ.

”އުތުރުތިލަފަޅުގަ، ޗައިނާ ސިފައިން ތިބޭ ވާހަކަ ރޭގަ( ފައްޔާޒު) ފާހަގަކުރެއްވި، މިއީ ހަގީގަތުގައި މި ސަރުކާރުން އުތުރުތިލަފަޅުގައި ދިވެހިރާއްޖެއަށް ބޭނުންވާ، ދިވެހި ރައްޔިތުންނަށް އޭގެން މަންފާ ކުރާ، މުހިންމު ޕްރޮޖެކްޓެއް ކަމަށްވާ ފުޑް ސެކިއުރިޓީގެ ޕްރޮޖެކްޓެއް ފެށުމާ ގުޅިގެން ދައްކަމުން ދިޔަ ވާހަކަތަކެއް.“ އޭނާ ވިދާޅުވިއެވެ.

ހީނާގެ ވާހަކައިގައި ފައްޔާޒުގެ ވާހަކަތައް ސިފަ ކުރެއްވީ އެމްޑީޕީގެ ދޮގު ދޮލަނގަށް އިތުރު ކުރި، އިތުރު ދޮގެއްގެ ގޮތުގައެވެ. އޭނާ ވިދާޅުވީ، ދިވެހީން އަމިއްލައަށް ކަންކަން ކުރުމާއި، ދިވެހީންނަށް މިނިވަންކަން އޮވެ، އަމިއްލަ ފައިމައްޗަށް ތެދުވުމަކީ އެމްޑީޕީއަށް ވަރަށް ބޮޑަށް އުނދަގޫވާ ކަންކަން ކަމުގައެވެ.