ކުރީ ސަރުކާރުން ފްލެޓު ލިސްޓުން ނަން އުނި ކުރި މީހުންނަށް މި ސަރުކާރުގެ އެންމެ ފުރަތަމަ ސޯޝަލް ހައުސިން މަޝްރޫއުއިން ފްލެޓް ދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ، ރޭ ހިޔާ ޝަހަރުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ވެސް ވެވަޑައިގެންނެވި ވައުދުފުޅެއްކަން ފާހަގަކުރައްވާ، އެކަން ފުއްދައިދެއްވާނެކަމުގެ ޔަގީންކަން ރޭ ވެސް ރައީީސް ދެއްވިއެވެ.

ރައީސް ވަނީ އެމްޑީޕީގެ ވެރިކަމުގައި ފްލެޓު ލިބުނު އެތައް ބައެއްގެ ނަން ލިސްޓުން އުނި ކުރީ ވަރަށް އަނިޔާވެރިކަމާއިއެކުގައި ކަމަށް ވިދާޅުވެ، މިހާރު މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ، ގޯއްޗާއި ފްލެޓު ހޯދައިދޭނެ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ދައްކަމުން އަންނަ ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އެމަނިކުފާނު ވިދާޅުވީ ގިނަ ދިވެހި ރައްޔިތުން އުޅެނީ ވަރަށް ހާލުގައި ކަމަށާއި، އަމިއްލަ ބޯހިޔާވަހިކަމުގައި އުޅެވެން ނެތި، އާއިލާގެ އެންމެންނަށް ލިބޭ މުސާރަ އެއްކޮށްލައިގެން ތަންކޮޅެއް ރަނގަޅަށް ހަދާފައިވާ ތަނެއް ކުއްޔަށް ހިފުމުން އެ ތަނުގައި ރެނދެއް ނެތުމުން، އެ ބަޔަކަށް ލިބެންޖެހޭ ޕޮއިންޓު އުނިކޮށްފައިވާ ކަމަށެވެ.

ހުޅުމާލެ ފޭސް2ގެ ރައްޔިތުންނާއި ރައީީސް ޑރ.މުހައްމަދު މުއިއްޒު ބައްދަލު ކުރައްވަނީ

”އަޅުގަނޑުމެން ވީ ވައުދު ގެދޮރުވެރިކަމުގެ ވައުދަކީ، އޭގެ ކުރީ ސަރުކާރުން ލިސްޓުގައި، ނޫނިއްޔާ ގެޒެޓުގައި ނަން އޮތް އެތައްހާސް ރައްޔިތުންނެއް މިދިޔަ ސަރުކާރުން އުނި ކޮށްލީ. ކިހިނެއްތޯ ހެއްދެވީ؟ ގޭގައަށް ޓީމުތައް ފޮނުވީ، ފޮނުވާފަ، އެބޭފުޅުން ވަރަށް އިހާނެތިކޮށް ކަންތައް ކުރީ.“ ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ހިޔާ ފްލެޓުތައް ފުރަތަމަ ދޫކުރީ އެތަންތަން ހަނަފަސް ސަހަރާއެއްގެ ގޮތުގައި ބާއްވާފައި ކަމަށެވެ. ނަމަވެސް މި ސަރުކާރުން ފޭސް2 އަކީ ހުރިހާ ހިދުމަތެއް ލިބިގެންދާނެ ޝަހަރަކަށް ހައްދަވައިދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.