ނިމިދިޔަ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި މާލެއަށް ގެނައި އެއްވެސް ތަރައްގީއެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާއަށް ސަރުކާރުގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ރިފާއު (ބޮޗޭ) ގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ވެރިކަން ކުރުމަށް ރައްޔިތުން އެމަނިކުފާނާ ހަވާލުކުރެއްވީ މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވިއިރު، އޭރުގެ ސަރުކާރުން އެއްބާރުލުން ނުދިނުމުން ނުކުރެވުނު ކަންތައްތައް ކުރުމަށްޓަކައި ކަމަށެވެ.
ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް އިހުލާސްތެރިކަމާއެކު ފުއްދަވާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ސަރުކާރުން ކުރަން ނިންމާފައި ހުރި ކަންތައްތައް ފުރިހަމައަށް ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށެވެ.
ރައީސް ވިދާޅުވީ މިދިޔަ ފަސް އަހަރު އެމްޑީޕީގެ ސުޕަރ މެޖޭރިޓީ އޮތް އިރުވެސް މާލެ އަށް ގެނައި އެއްވެސް ތަރައްގީއެއް ފެންނަން ނެތް ކަމަށެވެ. އަދި މާލޭގައި އެ ސަރުކާރުގައި ކުރެވިފައި ހުރީ އެމަނިކުފާނު މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނަވައިގެން ކުރެވުނު މަދު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
މަޖިލިސް އޮވެ، ސަރުކާރު އޮވެ، މި މާލެ ސިޓީ ތަރައްގީކުރަން ލިބުނު ރަނުގެ ފުރުސަތު އެބޭފުޅުން ސުޕަރ މެޖޯރިޓީގެ ބޭނުންކޮށްގެން ދޫކޮށްލީ. ދެން އިންތިހާބު އައިސް ބޯމަތިވީމާ މިތާ ކައިރި ފަޅެއް ނަގާފައި އެއްވެސް ބެލުމެއް ނެތި ގޯތިތަކެއް ދިނަކަސް އެއީ ރައްޔިތުންނަށް ހެޔޮ އެދިގެން ކުރި ކަމެއް ނޫން. އެހެންވީމާ ރައްޔިތުން ނިންމީ އެކަންވެސް ރަނގަޅުކުރަން އަޅުގަނޑަށް ވޯޓު ދޭން.
ރައީސް ވިދާޅުވީ މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގެދޮރުގެ މައްސަލަ ކަމަށާއި މާފަންދު ދެކުނު ދާއިރާގައި ވެސް ވަރަށް ހާލުގައި އުޅޭ ރައްޔިތުންގެ ގެތަކަށް އެމަނިކުފާނަށް ދެވިފައިވާކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެ ފަރާތްތަކަށް ކުރިމަތިވެފައިވާ ގޯތިގެދޮރުގެ މައްސަލަތައް ހައްލުކުރުމުގައިވެސް ނަގަން ޖެހޭ ލޯނުތަކާއި، ސީދާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން އަދި ގާނޫނުގެ ތެރެއިން ކުރަން ޖެހޭ ކަންތައްތައް އެބަހުރި ކަމަށެވެ.
ގެދޮރުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަކީ މަޖިލީހުގެ ދައުރު ވަރަށް ބޮޑަށް ހިމެނޭ ކަމެއްކަން ފާހަގަކުރައްވައި ރައީީސް ވިދާޅުވީ، އެކަން ކުރެވޭނީ އެކަމަށް މަގުފަހިކޮށްދޭނެ މެމްބަރުން މަޖިލީހުގައި ތިބިގެން ކަމަށެވެ.
އަދި މިދިޔަ ހަތަރު މަސް ތެރޭގައި މަޖިލީހުގެ ތެރެއިން މި ސަރުކާރަށް ހުރަސްތައް ކުރިމަތިކުރުވާފައިވާއިރު، ފަސް އަހަރު އެފަދަ ބަޔަކަށް ދީފިނަމަ މާލޭގެ ރައްޔިތުން މަގުމަތިވެދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މާލެއަށް ބޭނުންވާ ގޯތިގެދޮރުގެ މައްސަލައާއި، އިޖްތިމާއީ މައްސަލަތަކާއި، މަގުތައް ހެދުމާއި، ޕާކިންގެ މައްސަލަ ހައްލުވެ، މުޅި މާލެ ސިޓީއަށް ހަމަޖެހުން ގެނެސްދޭނީ މި ސަރުކާރުން ކަމަށެވެ.