ރޯދަ މަހުގެ 20 ވަނަ ދުވަހާއި ހަމައަށް ފިތުރު ޒަކާތުގެ ގޮތުގައި، 4.4 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ.

Ads by Asuru

ފިތުރު ޒަކާތާއި ބެހޭ ގޮތުން އާއްމުކުރި ތަފާސް ހިސާބުގައި ވާގޮތުން، ރޯދަމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތުގެ ގޮތުގައި ވަނީ، 4،499،433ރ (ހަތަރުމިލިޔަން ހަތަރުލައްކަ ނުވަދިހަނުވަހާސް ހަތަރުސަތޭކަ ތެއްތިރީސް ރުފިޔާ) ދައްކާފައެވެ.

މިގޮތުން އެންމެ ގިނަ މީހުން ފިތުރު ޒަކާތް ދައްކާފައި ވަނީ، ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށެެވެ.

ބީއެމްއެލް މެދުވެރިކޮށް އެކަނިވެސް ފިތުރު ޒަކާތުގެ ގޮތުގައި ޖުމުލަ، 2.2 މިލިއަން ރުފިޔާ ދައްކާފައިވެއެވެ.

ދެވަނައަށް އެންމެ ގިނަ މީހުން ފިތުރު ޒަކާތް ދައްކާފައި ވަނީ މޯލްޑިވްސް އިސްލާމިކް ބޭންކް މެދުވެރިކޮށެވެ. އެ ބޭންކު މެދުވެރިކޮށް ހަތްލައްކައަށް ވުރެ ގިނަ ރުފިޔާ ފިތުރު ޒަކާތުގެ ގޮތުގައި ވަނީ ދައްކާފައެވެ.

ރަމަޟާންމަހުގެ ފުރަތަމަ 10 ދުވަސް ނިމުނު އިރު ފިޠުރު ޒަކާތުގެ ގޮތުގައި ދައްކާފައި ވަނީ، 1.5 މިލިއަން ރުފިޔާ ނަމަވެސް ދެވަނަ ދިހަ ދުވަސް ނިމުނުއިރު ވަނީ، ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު ތިން ގުނަ އިތުރުވެފައެވެ.