އެމްޑީޕީގެ އަންހެނުން ރޫހުގެ ކުރީގެ ރައީސާ ޝިޔާމާ އަހުމަދާއި އޭނާ ދަރިކަނބަލުން އިބްނާ ބިންތު އަބްދުﷲ ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީއާ ގުޅިއްޖެއެވެ.

Ads by Asuru

އެ ދެ ބޭފުޅުން ޕީއެންސީއާއި ގުޅިވަޑައިގެންނެވީ ޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާފަންނު ދެކުނު ދާއިރާއަށް ވާދަކުރައްވަވާ އަބްދުﷲ ރިފާއު (ބޮޗޭ)ގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.

ޝިޔާމާ އާއި އިބްނާ ޕީއެންސީއަށް ސޮއިކުރެއްވި ފޯމާއި ހަވާލުވެވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

ޝިޔާމާ އާއި އޭނާގެ ދަރިކަނބަލުން ޕީއެންސީއާއި ގުޅުނުއިރު، މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ދުވަސްވަރު ވެސް ޝިޔާމާ ގެންދެވީ އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

ރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި، އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަމުގައި މާލެއަށް ގެނެސްފައިވާ ތަރައްގީއެއް ނެތް ކަމުގައި ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ވެރިކަން ކުރުމަށް ރައްޔިތުން އެމަނިކުފާނާ ހަވާލުކުރެއްވީ މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވިއިރު، އޭރުގެ ސަރުކާރުން އެއްބާރުލުން ނުދިނުމުން ނުކުރެވުނު ކަންތައްތައް ކުރުމަށްޓަކައި ކަމަށެވެ.

ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް އިހުލާސްތެރިކަމާއެކު ފުއްދަވާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ސަރުކާރުން ކުރަން ނިންމާފައި ހުރި ކަންތައްތައް ފުރިހަމައަށް ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށެވެ.

ރައީސް  އިތުރަށް ވިދާޅުވީ މިދިޔަ ފަސް އަހަރު އެމްޑީޕީގެ ސުޕަރ މެޖޭރިޓީ އޮތް އިރުވެސް މާލެ އަށް ގެނައި އެއްވެސް ތަރައްގީއެއް ފެންނަން ނެތް ކަމަށެވެ. އަދި މާލޭގައި އެ ސަރުކާރުގައި ކުރެވިފައި ހުރީ އެމަނިކުފާނު މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނަވައިގެން ކުރެވުނު މަދު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.