ސަރުކާރާ އިދިކޮޅު ފަރާތްތަކުން ކޮންމެ މައުޟޫއަކަށް ވެސް އަމިއްލަ ވާހަކަތަކެއް އުފައްދައިގެން ދައްކަމުން އަންނަ ކަމަށާއި، އެގޮތަށް ދޮގު ވާހަކަ ފަތުރަނީ މި ސަރުކާރުގެ މަސައްކަތްތަކާ ގުޅިގެން ދޭނެ ޖަވާބެއް ނެތުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީީސް މިގޮތަށް ވިދާޅުވެފައި ވަނީ ”ރައީީސްގެ ޖަވާބު“ ސިލްސިލާގެ ތެރެއިން، އާއްމު ރައްޔިތަކު ކުރި ސުވާލަކަށް ދެއްވި ޖަވާބުގައެވެ.
މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުން ފެށިގެން މިއަދާ ހަމަޔަށް އައިއިރު އެ މަނިކުފާނު ދެއްކެވި ވާހަކަތައް ލިޔުމުން ފެންނަން ހުންނާނެކަން ފާހަގަ ކުރައްވައި، ރައީސް މުއިއްޒު ވިދާޅުވީ އެ މަނިކުފާނު އެއްވެސް ކަމެއް ނުފޮރުވާނެ ކަމަށެވެ.
”އަޅުގަނޑު ދައްކާ ވާހަކައެއްވިއްޔާ މި ދައްކަނީ އިހުލާސްތެރިކަމާ އެކީގައި ހިތުގެ އަޑިން.“
ރައީީސް ވަނީ އެމަނިކުފާނު ކޮންމެ ވާހަކައެއްވެސް ދައްކަވަނީ މާތް ރަސްކަލާނގެ ދެނެވޮޑިގެންވާނެކަން ހަނދާނުގައި ބަހައްޓައިގެން ކަމަށެވެ.
”އަޅުގަނޑުގެ ލަޔާގަތާ ގާބިލިއްޔަތުކަން ތަންދިން އެންމެ ފުރިހަމައަކަށް ސަރުކާރުން އެ ކަން ކުރުމުގެ ނިޔަތުގައި،“ ރައީސް އިތުރަށް ވިދާޅުވިއެވެ.
ނަމަވެސް އިދިކޮޅު އެ މަނިކުފާނުގެ ވާހަކަފުޅުތައް އޮޅުވާލައި، އާ ވާހަކަތަކެއް އުފަންކޮށްގެން ދައްކާ ކަމަށް ރައީސް ތުހުމަތުކުރެއްވިއެވެ.
”އުފަންކޮށްފައި އަޅުގަނޑު ދެއްކި ވާހަކައެއް މިވެނި ގޮތަކަށް އަޅުގަނޑު ބަދަލުކޮށްފި ކަމަށް ދޭހަކޮށްދޭން މަސައްކަތް ކުރަނީ. އެއީ އެކަން އެހިނގާ ގޮތަކީ،“ ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ތަނަކުން ވާހަކައެއް އިވުމުން އެ ވާހަކައެއްގެ ހަގީގަތް ބެލުމަކީ އެ މަނިކުފާނު އެދިވަޑައިގަންނަވާ ގޮތް ކަމަށާއި، ދީނުގައި ވެސް އެކަން އޮންނަނީ އެ ގޮތަށް ކަމަށެވެ.