ރަމަޟާން މަސް ބައްދަލު ކުރިއިރު ވެސް، ޣައްޒާގެ ރައްޔިތުންނަށް ޔަހޫދީންގެ ފަރާތުން ލިބެމުންދިޔަ އަނިޔާއަށް ހުއްޓުމެއް ނާދެއެވެ.

Ads by Asuru

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު، އިޒްރޭލުގެ އަސްކަރިއްޔާ އިން ޣައްޒާއަށް ދޭން ފެށި ހަމަލާތައް އަދިވެސް ހުއްޓާ ނުލާއިރު، ހަމަލާތަކުގެ ޝިކާރައަކަށް ނުވެ، ހޮސްޕިޓަލެއް ސަލާމަތުން ހުރި ނަމަ، އެތަނެއް ވަނީ ފުރި ބާރުވެފައެވެ. ބޮމުގެ ހަމަލާތަކުން ހިމާޔަތް ހޯދަން  ވަންނަ މީހުންނާއި، ޒަހަމް ވެގެން ފަރުވާ ހޯދަން ވައްދާ މީހުން އެހާމެ ގިނައެވެ.

”އަލް-‏އަގްސާ ޝަހީދުންގެ ހޮސްޕިޓަލަށް“ ހިމާޔަތް ހޯދަން ވަތް، އުމުރުން އެންމެ 12 އަހަރުގެ ޒަކަރިއްޔާ އަކީ، ޣައްޒާގައި މިވަގުތު ހުރި އެންމެ ހަގު ސިއްހީ ހިދުމަތްތެރިޔާއަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

އޭނާ އަންނަނީ އެ ތަނުގެ ޑޮކްޓަރުން، ޕޭޝަންޓުންނަށް ފަރުވާ ދިނުމަށްޓަކައި ރެއާ ދުވާލު ކުރަމުންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އުމުރުން ހަގަސް، ޒަކަރިއްޔާއަށް މިހާރު ޑޮކްޓަރުންނަށް އެހީތެރިވެދޭން ކުރަންޖެހޭ ކަންކަން އެނގެއެވެ.

ބަލި މީހުންނަށް ކެނިއުލާ ގުޅުމާއި ނެއްޓުމާއި، އައިވީ ފުޅި ގުޅުމާއި، ސްކޭންތައް ގެނެސްދިނުން ފަދަ ކަންކަން ކޮށްދީގެން، ޒަކަރިއްޔާ ޑޮކްޓަރުންނާއި ނަރުހުންނަށް އެހީވަނީ އެއްވެސް އުޖޫރައަކަށް ނޫނެވެ.

ހިދުމަތް ކުރަން ހުންނަ ޝައުގުވެރިކަމާއިއެކު، އޭނާ ބުނީ، ބޮޑުވެގެން ވާން ބޭނުން ވަނީ ވެސް ޑޮކްޓަރަކަށް ކަމަށެވެ.

މިހާރު ކުރިއަށްދާ ހަނގުރާމަ ފެށި ފަހުން، ޣައްޒާގައި ސިއްހީ ހިދުމަތްދޭ 364 މީހުން ޔަހޫދީން ވަނީ ޝަހީދުކޮށްލާފައި ކަމަށް ބައިނަލްއަގްވާމީ ނޫސްތަކުގައި  ބުނެފައިވެއެވެ. ޣައްޒާގައި ސިއްހީ ހިދުމަތްދޭ ތަންތަނަށް އިޒްރޭލުން ދެމުންދާ ހަމަލާތައް އަދިވެސް ވަނީ އިތުރެވެ. އެތައް ދުވަހެއްވަންދެން، އަލް-ޝިފާ ހޮސްޕިޓަލު ހިސޯރުކޮށްގެން އުޅުމަށްފަހު، ޔަހޫދީން އެތަނުން ނުކުތީ މުޅި ތަން ސުންނާފަތިކޮށްލާފައެވެ.

ު

”ވާން ބޭނުންވަނީ ޑޮކްޓަރަކަށް، މި ހަނގުރާމަ ނިމުނީމަ. މިކަމުގެ ސަބަބުން ކުޑަކުދިން ބިރުން ތުރުތުރުއަޅާ މަންޒަރު ފެނުމުން ވަރަށް ކަންބޮޑުވޭ.“ އުމުރުން 12 އަހަރުގެ ޒަކަރިއްޔާ ބުންޏެވެ.

ޒަކަރިއްޔާ ކުރާ އުއްމީދަކީ، ސަލާމަތުން އެނބުރި ގެއަށް ދެވުމެވެ. ބޮޑުވެގެން ޑޮކްޓަރަކަށްވެ، ޣައްޒާއަށް ހިދުމަތް ކުރުމެވެ.