ކުރިއަށް އޮތް ދުވަސްތަކުގައި ފެނިގެންދާނީ، ފެނަކައިގެ ހާލަތު ރަނގަޅު ކުރެވިގެންދާތަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ ”ރައީސްގެ ޖަވާބު“ ޕްރޮގްރާމަށް އާންމު ރައްޔިތަކު ކުރި ސުވާލަކަށް ދެއްވި ޖަވާބުގައެވެ.

ރާއްޖޭގެ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލައާ ގުޅޭގޮތުން ”ރައީސްގެ ޖަވާބު“ ސިލްސިލާގެ ތެރެއިން ވ. ރަކީދޫ، މޫނިސާ ދާއޫދު، ވަރަށް ގިނަ ރަށްރަށުގައި ކަރަންޓު ކެނޑޭކަން ފާހަގަކޮށް އެކަމަށް ދާއިމީ ހައްލެއް ގެނައުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކާ ގުޅޭގޮތުން ސުވާލުކުރުމުން ރައީީސް ވިދާޅުވީ، ރާއްޖޭގެ ރަށްތަކުގައި ކަރަންޓު ކެނޑޭ މައްސަލައަށް ރަނގަޅު ދާއިމީ ހައްލެއް ގެނެސްދެއްވާނެކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވިއިރު ގިނަ ރަށްރަށަށް ކަރަންޓު ފޯރުކޮށްދޭ ކުންފުނި ކަމަށްވާ ފެނަކަ ކޯޕަރޭޝަންގެ ހާލަތު ވަރަށް ގޯސް ކަމަށެވެ.

ފެނަކަ އޮތީ ހަމައެކަނި ދަރާފައި ނޫން ކަމަށާއި، ރަށްރަށަށް ކަރަންޓުގެ ޚިދުމަތްދިނުމަށް ބޭނުންކުރާ ޖަނެރޭޓަރު ސެޓުތަކާއި ޖެނެރޭޓަރުތަކުގެ މެއިންޓެނަންސްގެ ކަންކަންވެސް އެދެވޭގޮތެއްގައި ބަލަހައްޓާފައިނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އޭގެ ސަބަބުން ޖަނެރޭޓަރު ސެޓުތައް ބަދަލުކުރަންޖެހޭ ކަމަށާއި އެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

”މިހާރުވެސް ބައެއް ރަށްތަކަށް ޖެންސެޓުތައް ގެންގޮސް ކޮންމެވެސް ވަރެއްގެ ހައްލެއް ގެނެވިފައިވަނީ. ފެނަކައިގެ ހާލަތު ރަނގަޅުކުމާއެކީ ކުރިއަށް އޮތް ދުވަސްތަކުގައި ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދޭނަން.“ ރައީސް ވިދާޅުވިއެވެ.