ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު އުފައްދަވާ ސިޔާސީ ޕާޓީއަށް، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވަޑައިގަތުމަކީ ހައިރާާންވެވަޑައިގަންނަވާ ކަމެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭގޮތުން ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕުން އިއްޔެ ބޭއްވި ޕެނަލް ޑިސްކަޝަންގައި، ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގައި ވެސް ހުންނެވި ޝިޔާމް ވިދާޅުވީ، މަނީ ލޯންޑްރިންއާއި ރިޝްވަތުގެ މައްސަލައިގައި، ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ކުރި ހުކުމް، 72 ގަޑިއިރުގެ ތެރޭގައި އިސްތިއުނާފު ކުރުމަށް ހުށަހެޅުމަށް އެމަނިކުފާނު، ވަކީލު ޖަމީލަށް ދެންނެވިއިރު، މައްސަލަ ހުށަހެޅީ އޭގެ ދެމަސް ފަހުން ކަމަށެވެ.
”ދަށު ކޯޓުން ރައީސް ޔާމީނާމެދު ގޯސް ގޮތަކަށް އައިސްދާނެ ކަމަށް ރައީސް ޔާމީން ވެސް ގަބޫލު ކުރައްވާ، އެއީ ސަރުކާރުން އޭރު ރައީސް ޔާމީނަށް ފުރުސަތެއް ނުދޭނެ، ސަރުކާރުގެ ވިސްނުން އޮތް އޮތުން ރައީސް ޔާމީނަށް ވެސް އެނގިވަޑައިގަންނަވާ. ވިދާޅުވީ، ތައްޔާރުވާށޭ، ތިމަން މަނިކުފާނުގެ މައްސަލަ، ދަށު ކޯޓުން ނިމޭއިރަށް 72 ގަޑިއިރު ތެރޭގައި އިސްތިއުނާފު ކުރަން ޖެހޭނޭ.“ ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމްގެ ވާހަކައިގައި ޖަމީލަށް ފާޑު ވިދާޅުވެ، ޖަލުގައި ހުންނަވައިގެން ރައީސް ޔާމީން ފޮނުއްވަވާ ނޯޓުތައް ވެސް ޖަމީލު ބަދަލު ކުރައްވަވާ ކަމަށް ވިދާޅުވިއެވެ.
”ޑރ.ޖަމީލު ބޭނުންފުޅުވާ ގޮތަކަށް މި މެސެޖުތައް ހުންނަނީ. އަޅުގަނޑުމެންނާ ހިސާބަށް އަންނަ ނޯޓުތައް.“
ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލަ ދެ މަސް ފަހުން ކޯޓުތަކަށް ވައްދައިގެން، އެ މައްސަލަ ތާވަލު ނުކުރާތީ، ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން ކޯޓުތަކަށް ވަޑައިގަންނަވަމުން ވެސް ގެންދެވި ކަމަށެވެ.
ޖަމީލު އާއި ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު އިސްކޮށް ހުންނަވައި އުފައްދަން އުޅޭ ސިޔާސީ ޕާޓީ، ޕީއެންއެފްއާ ރައީީސް ޔާމީން ގުޅިވަޑައިގަންނަވާފައިވާއިރު، ޕީއެންއެފް އުފައްދަން ރޭ ބާއްވަން އުޅުނު ޖަލްސާ ވަނީ ފަސްވެފައެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާއިއެކު، ރައީީސް ޔާމީން ގެކޮޅަށް ބަދަލުކުރެއްވިއެވެ.
އަދި އެމަނިކުފާނުގެ ހުކުމް ތަންފީޒުކުރުމުގައި މޯލްޑިވްްސް ކަރެކްޝަނަލް ސަރވިސް އިން ލުއިތަކެއް ދީފައިވާއިރު، ކަސްރަތު ކުރުމަށާއި ސިއްހީ ސަބަބުތަކަށާއި މުހިންމު ކަންކަމަށް މީހުންނާ ބައްދަލުކުރުމަށް އެމަނިކުފާނަށް ހުއްދަ ދީފައިވެއެވެ.
ސިޔަމް ހާދަ އަނގަ ބޮނޑޭދޯ. މިނިސްޓްރީ ހިންގާނުލެވިގެން ތިއުޅެނީ. ދެތަން ވަކިކޮން އިންނާނެ ގޮނޑިނެތި ކިތައްމީހުންތޯ ވެއްޓެމުންދާ އިމާރާތުގަ ތިބީ. ޔާމީނުއޭކިޔާގެން ތި ފުމެނީ. ކުރިން ސިޔާސީ 8 މިހާރު 16 ކޮންކަމެއްވީ. ދޮގު ސަރުކާރު