ފަލަސްތީނުގެ ޣައްޒާއަށް ރާއްޖޭގެ ޒަކާތު ފަންޑުން އެއްލައްކަ ޑޮލަރު ފޮނުވަން ނިންމައިފިއެވެ.

Ads by Asuru

މިއީ ރާއްޖޭގެ ޒަކާތު ފަންޑުން ބޭރުގެ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދޭ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

މިކަން ހާމަ ކުރައްވައި، ރޭ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޒަކާތު ފަންޑުން ޣައްޒާގެ އަހުންނާއި އުހުތުންނަށް ފޮނުވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭނީ ގަތަރުގެ ރެޑްކްރެސެންޓް މެދުވެރިކޮށް ކަމަށެވެ.

މީގެ ކުރިން ވެސް ދިވެހިންގެ ގައުމީ ފެންވަރުގެ އެހީ ދެ ފަހަރެއްގެ މަތިން ގަތަރުގެ ރެޑްކްރެސެންޓް މެދުވެރިކޮށް ފޮނުވާފައިވާ ކަމަށް މިނިސްޓަރު މީސްމީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.

”ޒަކާތު ފަންޑުން ފުރަތަމަ މަރުހަލާގައި ފޮނުވަން ގަސްތުކުރަނީ އެއް ލައްކަ ޑޮލަރު. މި ފައިސާ ފޮނުވާނީ ދެ ޕޭމަންޓަކަށް ބަހައިގެން. މި ފައިސާއަކީ ޣައްޒާގެ ރައްޔިތުންގެ ކާބޯތަކެއްޗަށް ހޭދަކުރުމަށްޓަކައި ފޮނުވޭ އެހީއެއް،“ ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވި ގޮތުގައި، މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދާ ކަމެކެވެ.

އިޒްރޭލުގެ ޔަހޫދީން ޣައްޒާއަށް ހަމަލާ ދޭން ފެށީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުއެވެ. އެ ހަމަލާތަކުގައި މިހާތަނަށް 33000އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވެއެވެ.