ހުޅުމާލޭގެ ތިން ވަނަ ފިޔަވަހީގައި ހިއްކަމުންދާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން ފަށައިފިއެވެ.

Ads by Asuru

ބިންހިއްކުމުގެ މަސައްކަތް ފެށިގެން ކުރިއަށް ދާއިރު، އެ ސަރަހައްދުގައި އަޅާފައިހުރި ބައެއް އުޅަނދު އަދިވެސް ނުނަގާ ހުރުމުން، ބިން ހިއްކުމުގެ މަސައްކަތަށް ދަތިވާތީ، އެ އުޅަނދުތައް ނެގުމުގެ މަސައްކަތް އެޗްޑީސީ އާއި މެރިން ޕޮލިސް ގުޅިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެޗްޑީސީން ހިއްސާ ކުރި ޗާޓުގައި، ފެހި ކުލައިން ފާހަގަކޮށްފައިވާ ސަރަހައްދުގައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައެވެ.

 

ބިންހިއްކުމުގެ އެ މަސައްކަތަށް ދަތިވާތީ، އެ ސަރަހައްދުގެ ފަޅުގައި ހުރި އުޅަނދުތައް ނެގުމަށް މީގެ ކުރިން އެޗްޑީސީން ވަނީ އަންގާފައެވެ.

އަދި އުޅަނދުތައް ނެގުމަށް އެ ކޯޕަރޭޝަނުން ކުރި އިއުލާނާ ގުޅިގެން ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާ އެކު، އެ ސަރަހައްދުގައި އަޅާފައި ހުރި ގިނަ އުޅަނދުތައް ވަނީ ނަގާ އެހެން ސަރަހައްދުތަކަށް ބަދަލު ކުރެވިފައި ކަމަށް އެޗްޑީސީން ބުނެއެވެ.

މި މަސައްކަތުގައި އާއްމު ރައްޔިތުންނާއި އުޅަނދުތައް ބަލަހައްޓާ ފަރާތްތަކުން ދޭ އެއްބާރުލުން އެޗްޑީސީން ފާހަގަކުރެއެވެ.