ގާނޫނީ ހަމަތަކުގެ މަތިން ހިންގާ އެއްވެސް ސިޔާސީ ހަރަކާތަކަށް ހުރަސް ނާޅާނެކަމުގެ ޔަގީންކަން ސަރުކާރުން ދީިފިއެވެ.

Ads by Asuru

ރައީސް އޮފީހުން މިރޭ މިކަން ހާމަކުރީ، ހުއްދަ ނުނަގައި، ޣިޔާޘުއްދީން ސްކޫލްގައި ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބާއްވަން އުޅުމުން، ފުލުހުން އެކަން ހުއްޓުވާފައި ވަނިކޮށެވެ.

ރައީސް އޮފީހުން ބުނީ، އަލަށް އުފައްދަން މަސައްކަތްކުރާ ސިޔާސީ ޕާޓީއަކުން މިރޭ ބާއްވަން ރާވާފައިވާ ޖަލްސާ ރާއްޖޭގެ ޕްރައިވެޓް ސްކޫލެއްގައި ބާއްވައިދޭން އެ ސްކޫލުން އުޒުރުވެރިވެފައި ވާތީ، އެ ސްކޫލުގެ ސަލާމަތާ ރައްކައުތެރިކަން ބަލަހައްޓައިދިނުމުގައި ފުލުހުން ވަނީ މިރޭ އެހީތެރިކަން ދެއްވައިފައި ކަމަށެވެ. ދެ ހަފުތާއަށްވުރެ ދިގު ބަންދު ދުވަސްތަކަކަށްފަހު، އަންނަ އާދީއްތަދުވަހު ސްކޫލްތައް ހުޅުވުމަށް ތައްޔާރުވަމުންދާތީއާއި، އަދި އަހަރު ފަހު އިމްތިޙާން ސްކޫލްތަކުގައި ކުރިއަށް ގެންދާ ދުވަސްވަރުކަމަށް ވާތީ، އެއްވެސް ހަރަކާތެއް ހިންގުމަށް ސްކޫލް ހޯލްތައް ދޫކުރުމަކީ މި ވަގުތު ސްކޫލްތަކަށް ވަރަށް ދަތިކަމެއް ކަމަށް ވެސް ރައީސް އޮފީހުން ނެރުނު ބަޔާނެއްގައިވެއެވެ.

”އެހެންކަމުން، މާލެ ސިޓީގެ އެއްވެސް ސްކޫލް ހޯލެއް ލިބުމުގައި އޮތް ދަތިކަމަށް ޙައްލެއް ހޯދައިދީ، ސިޔާސީ ޕާޓީ އުފައްދަން މަސައްކަތްކުރާ ފަރާތަށް މިރެއިން މިރެއަށް އެ ފަރާތުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ މަގު ސަރުކާރުން ފަހިކޮށްދިނުމުގެ ގޮތުން، ސޯޝަލް ސެންޓަރުގެ މައި ހޯލުގައި ސިޔާސީ ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވޭނެ އިންތިޒާމު އެކަން ކުރައްވާ ފަރާތަށް ސަރުކާރުގެ އަމިއްލަ އިސްނެންގެވުމުގައި ވަގުތުން ވާނީ ހަމަޖައްސައިދީފައެވެ.“

ސަރުކާރުން ބުނީ، ގާނޫނީ ހަމަތަކުގެ މަތީން ހިންގާ ސިޔާސީ ކޮންމެ ހަރަކާތަކަށްވެސް ފަހިކޮށްދެވެން އޮތް ކޮންމެ ކަމެއް ކުރިމަގުގައިވެސް ހެޔޮ ނިޔަތާއެކު ސަރުކާރުން ދާނީ ފަހިކޮށްދެމުން ކަމަށެވެ.

އަދި މި ސަރުކާރުން އަބަދުވެސް ކުރިއަށް ދާނީ ސިޔާސީ ހަރަކާތްތަކަށް ޖާގަދީގެން، ޤައުމުގެ ކުރިއެރުމާ ރައްޔިތުންނަށް ލާބަޔާ މަންފާ ހޯދައިދިނުމުގެ ވިސްނުން އިސްކޮށްގެން ކަމުގައި ވެސް ބުންޏެވެ.