ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި، ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަންގަވާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

Ads by Asuru

ރޭ ޣިޔާސުއްދީން ސްކޫލްގައި ބާއްވަން އުޅުނު، ޕީއެންއެފް އުފެއްދުމުގެ ޖަލްސާއަށް ފުލުހުން ހުރަސްއެޅި މައްސަލައިގައި މިނިސްޓަރު އެކްސްގައި ވިދާޅުވީ، ރައީސް މުއިއްޒު ވަނީ ސުލްހަވެރި އެއްވުންތަކާއި ރައްޔިތުން ކުރާ އިހްތިޖާޖުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އަދި އާއްމުކޮށް ރައްޔިތުންނާއި ގުޅޭކަންކަން ހައްލުކުރުމަށް ފުލުހުން ހަރަކާތްތެރިވާއިރު ހާލަތާއި ނުބައްދަލު ބާރު ބޭނުންނުކުރެއްވުމަށް އަންގަވާފައި ކަމަށް ވިދާޅުވެފައެވެ.

”އަދި ވަކިން ހާއްސަކޮށް ”އެސް. އޯ“ ފުލުހުން ހާއްސަ ހާލަތްތަކުގައި ނޫނީ ބޭނުން ނުކުރެއްވުމަށްވެސް އަންގަވާފައެވެ. ރޭ ޣިޔާސުއްދީން ސްކޫލު ކައިރީގައި ފުލުހުން މަސައްކަތް ކުރެއްވި ގޮތް އަދި ބާރުގެ ބޭނުން ކުރުމާއި “އެސް އޯ“ ފުލުހުން ބޭނުން ކުރަން ޖެހުނު ސަބަބު ރިވިއުކޮށް ބަލަން އަޅުގަނޑުވާނީ ފުލުހުންގެ ކަމިޝަނަރަށް ދަންނަވާފައި.“ އިހުސާން ވިދާޅުވިއެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު، ގާނޫނީ ހަމަތަކުގެ މަތިން ހިންގާ އެއްވެސް ސިޔާސީ ހަރަކާތަކަށް ހުރަސް ނާޅާނެކަމުގެ ޔަގީންކަން ސަރުކާރުން ވެސް ވަނީ ދީިފައެވެ.

ރައީސް އޮފީހުން ރޭ ބުނީ، އަލަށް އުފައްދަން މަސައްކަތްކުރާ ސިޔާސީ ޕާޓީއަކުން ރޭ ބާއްވަން ރާވާފައިވާ ޖަލްސާ ރާއްޖޭގެ ޕްރައިވެޓް ސްކޫލެއްގައި ބާއްވައިދޭން އެ ސްކޫލުން އުޒުރުވެރިވެފައި ވާތީ، އެ ސްކޫލުގެ ސަލާމަތާ ރައްކައުތެރިކަން ބަލަހައްޓައިދިނުމުގައި ފުލުހުން ވަނީ މިރޭ އެހީތެރިކަން ދެއްވައިފައި ކަމަށެވެ.

ދެ ހަފުތާއަށްވުރެ ދިގު ބަންދު ދުވަސްތަކަކަށްފަހު، އަންނަ އާދީއްތަދުވަހު ސްކޫލްތައް ހުޅުވުމަށް ތައްޔާރުވަމުންދާތީއާއި، އަދި އަހަރު ފަހު އިމްތިޙާން ސްކޫލްތަކުގައި ކުރިއަށް ގެންދާ ދުވަސްވަރުކަމަށް ވާތީ، އެއްވެސް ހަރަކާތެއް ހިންގުމަށް ސްކޫލް ހޯލްތައް ދޫކުރުމަކީ މި ވަގުތު ސްކޫލްތަކަށް ވަރަށް ދަތިކަމެއް ކަމަށް ވެސް ރައީސް އޮފީހުން ނެރުނު ބަޔާނުގައިވެއެވެ.