ބަރަކާތްތެރި ފިތުރު އީދު ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑމުހައްމަދު މުއިއްޒު، އިސްލާމީ ގައުމުތަކުގެ ވެރިންނަށް ފޮނުއްވައިފިއެވެ.

Ads by Asuru

މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، އިސްލާމީ ގައުމުތަކުގެ ސަރުކާރުތަކަށާއި، އެޤައުމުތަކުގެ އަޚުވަންތަ ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.

ރައީސް ފޮނުއްވި މެސެޖުގައި، ބަރަކާތްތެރި ރަމަޟާން މަސް ނިމުނު ކަމުގައިވިޔަސް، އޯގާތެރިކަމާއި، ދީލަތިކަމާއި، އެއްބައިވަންތަކަމުގެ އުސޫލުތައް ނެގެހެއްޓުމުގެ މުހިންމުކަމާއި، މުސްލިމް އުއްމަތުގެ ސުލްޙަމަސަލަސްކަމާއި، އެއްބައިވަންތަކަން ދެމެހެއްޓުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެސް ވެއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައި ވަނީ، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އިސްލާމީ ގައުމުތަކުގެ ވެރިންނާއި ރައްޔިތުންނަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަން، އަދި އުފާފާގަތިކަން އެދިވަޑައިގަންނަވަމުންނެވެ.