ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ހައްދުންމަތީ އަތޮޅު ކައުންސިލާ ބައްދަލުކުރައްވައި، ތަރައްގީގެ މުހިންމު ކަންކަމާގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

Ads by Asuru

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ފޮނަދޫ އިޖުތިމާއީ މަރުކަޒުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލު މެންބަރުން ވަނީ އަތޮޅުގައި ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި، މަސްވެރިންނަށް މަސްކިރުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމާއި، ދަތުރުފަތުރާއި ތައުލީމީ ނިޒާމުގެ ފެންވަރު ރަނގަޅު ކުރުމާބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

އަދި އަތޮޅުގައި އެކި މަސައްކަތްތަކަށް ދޫކޮށްފައިވާ ރަށްތަކާއި އަތޮޅުގައި ފަތުރުވެރިކަން އިތުރަށް ތަރައްގީ ކުރުމަށް ކައުންސިލުން ގެންގުޅޭ ވިސްނުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވިއެވެ. މީގެ އިތުރުންވެސް އަތޮޅުގެ އެކި ރަށްރަށަށް ދިމާވެފައިވާ އެކިއެކި މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުމާ ބެހޭގޮތުން ކައުންސިލްގެ ފަރާތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.

އަދި ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންބޮޑުވުންތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީކަން ރައީސް ދެއްވާފައިވެއެވެ.